ކުޅިވަރު

މޮޅުވުމުން ހިތްހަޖެހުން، ކޭންއަށް އަނިޔާވުމުން މާޔޫސްކަން!


ރަށުން ބޭރުގައި ތަފާތުބޮޑު ނަތީޖާއަކުން ޓޮޓްނަމް މޮޅުވިނަމަވެސް، ހެރީ ކޭންއަށް އަނިޔާވެ ޓޮޓްނަމްއާއި އިންގްލެންޑްވެސް ފިކުރު ބޮޑުވެއްޖެއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމައުތްއާ ވާދަކޮށް ހަތަރު ލަނޑު އެއް ލަނޑުން ޓޮޓްނަމް މެޗު ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް ޖެހިލި ނަމަވެސް ކޭންގެ ތަނބިކަށްޓަށް ލިބުނު އަނިޔާއާއި ގުޅިގެން ތިރީސްވަނަ މިނިޓްގައި ކޭން ބަދަލުކުރަން ޖެހުމުން ބޮޑު މާޔޫސްކަމެއް ވަނީ ލިބިފައެވެ. ރޭގެ މެޗު ޓޮޓްނަމް ކާމިޔާބުކުރީ ބޯންމައުތް ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. ނަމަވެސް ދެވަނަ ހާފުގައި ޓޮޓްނަމް ވަނީ ފަހަތުން އަރާ ހަތަރު ލަނޑު ޖަހާ މެޗުން މޮޅުވެ، ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

 ކޭންގެ އަނިޔާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ ވާނެ ގޮތެއް ލަފާ ކޮށްލަން ނޭނގޭ ކަމަށާއި، އެނގޭނީ ސްކޭންއަށް ފަހު ކަމަށެވެ. އެހާބޮޑު މައްސަލައަކަށް ނުވާނެކަމަށް އުންމީދު ކުރާކަމަށް ޕޮޗެޓީނޯ ބުންޏެވެ. މިދިޔަ ސީޒަންގައިވެސް ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކޭންއަށް ސީޒަންގެ ދިހަ މެޗާއި ވޯލްޑްކަޕް ކޮލިފައިންގެ ދެ މެޗު ގެއްލުނެވެ. 

ވޯލްޑްކަޕް ފެށެން ތިން މަހަށްވެފައިވާއިރު ކޭން ފާހަގަކުރެވެނީ އިނގެރޭސި ގައުމީ ޓީމް މި މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޓޮޓްނަމްގެ އިތުރުން ވިދިވިދިގެން ތިން މެޗުން ނާކާމިޔާބުވުމަށްފަހު އާސެނަލް ވަނީ ލީގުގައި މޮޅެއް ހޯދާފައެވެ. އިއްޔެ އާސެނަލް ލީގުގައި ކުރި ހޯދީ ވަޓްފޯޑާ ވާދަކޮށް 3-0 ނެވެ.