ސިއްހަތު

"މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" އިފްތިތާހްކޮށްފި


ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ "މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" އިފްތިތާހްކޮށްފިއެވެ. މި އިއްތިހާދު އިފްތިތާޙްކޮށްފައިވަނީ، ރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި "މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" ފުރަތަމަ އަހަރީ އާންމު ޖަލްސާގައެވެ.

"މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރުމަށް އުފައްދާފައިވާ އެލަޔަންސަކީ، ޑައެބެޓީސް ސޮސައިޓީ އާއި، ޓައިނީ ހާޓްސް އަދި ކެންސަރސޮސައިޓީގެ އިސް ބައެއް ފަރާތްތަކުން އިސްނަގައިގެން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދަފްތަރުކުރެވިފައިވާ މަދަނީ ޖަމިއްޔާއެކެވެ. ޤައުމީ އެލަޔަންސެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދިނުމެވެ.

މިޖަމިއްޔާ ރަސްމީކޮށް އިފްތިތާހްކުރުމަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާރޫމްގައި ބޭއްވި ޖަލްސާގައި، ޖަމިއްޔާގެ ހިންގާ ޤަވާއިދަށް އިސްލާހް ގެނެސް ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑް ވަނީ އިންތިޚާބުކޮށްފައެވެ. އެގޮތުން މެންބަރު ޖަމިއްޔާތަކުގެ އަޤްލަބިއްޔަތުން ޗެއަރޕަރސަން އަކަށް އިންތިޚާބުކުރީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކޯރ ފައުންޑަރ ޑރ. އަބްދުލް މަލިކުއެވެ. ވައިސް ޗެއަރޕާސަން އަކަށް ޑައިބެޓީޒް ސޮސައިޓީގެ އައިޝަތު ޝިރުހާނާ އިންތިޚާބުކުރިއިރު، ސެކްރެޓަރީ ޖެނަރަލަކަށް ޓައިނީ ހާޓްސްގެ ޖީހާން މަހުމޫދް ވަނީ އިންތިޚާބުކޮށްފައެވެ. މީގެ އިތުރުން ޓެރްޝަރާއަކާއި، ޔޫތް ރެޕްރެޒެންޓޭޓިވް ޕޭޝަންޓް އެޑްވޮކޭޓް އަދި މެންބަރ ރެޕްރެޒެންޓޭޓިވްއަކަށް މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން ވަނީ އިންތިޚާބުކޮށްފައެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން "މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" ގެ ޗެއަރޕާސަން ޑރ. އަބްދުލް މަލިކް ވިދާޅުވީ، ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ގައިންގަޔަށްނާރާ ބަލިތައް އިތުރުވަމުންދާކަމަށެވެ. މި ފަދަ ބަލިތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ޖަމްއިއްޔާތަކުން ބައިވެރިވެ އިންސާނީ ފަންނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ޚާއްސަ ވިއުޤައެއް އެކުލަވާލުމަކީ އެއްމެ މުހިއްމު އެއް އަމާޒުކަމަށް ޑރ މާލިކް ވިދާޅުވިއެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ހުރި ނުރައްކާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އެފަދަކަންކަން ހުއްޓުވުމަށް މިއަހަރުވެސް މަސައްކަތްތަކެއް ކުރައްވާނެކަން ޑރ، މަލިކް  ފާހަޤަކުރެއްވިއެވެ.

މިޖަލްސާގައި "މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" ގެ ފޭސްބުކް ޕޭޖާއި އިންސްޓަރގްރާމް ވެސް ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. "މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސް" އިފްތިތާހްވުމާއެކު އެޖަމިއްޔާއަށް ވަނީ ދުނިޔޭގެ އެން.ސީ.ޑީ އެލަޔަންސްގެ މެންބަރުކަންވެސް ލިބިފައެވެ. މިޖަމިއްޔާ މިހާރު އެކުލެވިގެންވަނީ މަސްޢޫލުވެރި ތިން ޖަމިއްޔާގެ އިތުރުން، ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން، "ޝީ" އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ފިޒިކަލް ޑިސޭބަލްސް  "އެމް.އޭ.އެފް.ޑީ"ގެ  އިތުރުން، މެންޓަލް ހެލްތް އެވެއަރނަސް ފައުންޑޭޝަނާއި، އޮނަރަރީ މެންބަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަން ރެޑްކްރެސެންޓްއެވެ.