ދީން

ހުކުރު ޚުޠުބާ ސިޔާސީއެއް ނުކުރަން - އިސްލާމިކް މިނިސްޓްރީ


ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގެ މިސްކިތްތަކުގައި ދޭ ހުކުރު ޚުޠުބާ ސިޔާސީ ކުރަން މަސައްކަތް ކުރާކަމަށް ބުނެ ބައެއް ދީނީ ޢިލްމުވެރިންނާއި، ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވީ، ހުކުރު ޚުޠުބާއަކީ ޤައުމުގެ މަސްލަޙަތާއި ގުޅިފައިވާ، އެއިރެއްގެ ޤައުމުގެ ޙާލަތާއި، ޤައުމުގައި ހިނގާ އެންމެ މުހިއްމު ކަންތައްތަކާއި ގުޅިގެން ތައްޔާރުކުރާ އެއްޗެއްކަމަށެވެ. އެގޮތުން ޚުޠުބާ ލިޔެ، އާއްމުންނާއި ހަމައަށް ދޫކޮށްލަނީ އެކަމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޙާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުންކަން ޝައިޙް ޢިބްރާހީމް އަޙްމަދު ފާހަގަކުރެއްވިއެވެ. އިސްލާމީ ކޮންމެ ޤައުމެއްގައިވެސް ހުކުރު ޚުޠުބާގައި، އިޖްތިމާޢީ އެކި އެކި ކަންތައްތަކަށާއި، އެއިރެއްގައި ޤައުމުގައި ހިނގާ މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާނެކަމަށެވެ. އަދި އެއީ ސިޔާސީވުންކަމުގައި ދެކިގެންނުވާނެކަމަށްވެސް އަހުމަދު އިބްރާހިމް އަހުމަދު ވިދާޅުވިއެވެ. ހުކުރު ޚުޠުބާ ސިޔާސީކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ފަތުރަމުންދަނީ އެންމެ ތެދު މަޢުލޫމާތު ނޫންކަމަށްވެސް ޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވިއެވެ."ޚުޠުބާ ލިޔާ މީހާ ލިޔުނުކަމުގައިވިޔަސް، އެ ޚުޠުބާ ކިޔުމަށްޓަކާ ތައްޔާރުވެގެން އަންނާނީ ކޮމެޓީއެއްގެ ތެރެއިން. އެކޮމެޓީގައި ތިއްބަވާ ހުރިހާ މެމްބަރުން އެ ޚުޠުބާއެއްގައި ފުރިހަމަވާންޖެހޭ ކަންތައްތައް ބެލުމަށްފަހު، ޚުޠުބާ ނިންމާފައި، މިނިސްޓަރވެސް އެ ބެއްލެވުމަށްފަހު ދެން އެ އާއްމުކުރެވިގެންދާނީ. އެހެންވީމަ، ޚުޠުބާ މިދަނީ ވަރަށް ބޮޑަށް ކޮމެޓީއެއްގެ ތެރެއިން މަޝްވަރާކުރެވި، ގޮތްތަކެއް ނިންމުމަށްފަހު. ރާއްޖޭގެ އިތުރުން އިސްލާމީ ހުރިހާ ޤައުމެއްގައިވެސް ޚުޠުބާއެއްގައިވިއްޔާ މިދެންނެވިގޮތަށް އެ ހަފްތާއެއްގައި ޤައުމުގައި ހިންގާ ކަންތައްތަކަށް އަލިއަޅުވާނުލާ ނުދާނެ" ޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވީ، ދީނާ ސިޔާސަތަކީ އެއްވެސް އިރެއްގައި ވަކިކުރެވޭނެ އެއްޗެއް ނޫންކަމަށާއި، މި ދެ ކަންތައް ގުޅިގެން މެނުވީ އިސްލާމްދީނުގެ މުހިއްމުކަން ފެނިގެންނުދާނެކަމަށެވެ. އަދި ދީނުގައި ކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުމަކީ އެއިރެއްގައި ވެރިއަކަށް ހުންނަ ވަލީޢުލްއަމުރުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި، ދީނާއި ސިޔާސަތު ވަކިކޮށްލައިފިނަމަ އިސްލާމްދީނުގެ ރިވެތި އުސޫލްތަކާއި، ކީރިތި މާތް ރަސޫލާ ދެއްކެވި ހަރުދަނާމަގުން މީސްތަކުން ދުރުވެގެންދާނެކަމަށެވެ. ދީނާ ސިޔާސަތު ވަކިކުރުމަށް ފަތުރަމުންދާ ވާހަކަތަކަކީ ސެކިއުލަރ ސިސްޓަމެއްގެ ތެރެއިން ރައްޔިތުން ދީނާ ދުރުކުރުމަށް ދައްކަމުންދާ ވާހަކަތަކެއްކަމަށާއި، އެއީ އިސްލާމީ ޤައުމުތަކުގައި ގެންގުޅެގެންވާނެ ވިސްނުންތަކެއް ނޫންކަންވެސް ޝައިޙް ޢިބްރާހީމް އަޙްމަދު ވަނީ ފާހަގަކުރައްވާފައެވެ.