ޚަބަރު

ޣޫޠާ ފަންޑަށް ފައިސާ ޖަމާކުރުން މިމަހުގެ 13 ގެ ނިޔަލަށް


ސޫރިޔާގެ ޣޫޠާގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ "ޣޫޠާ އިމަޖެންސީ ރިލީފް" ފަންޑަށް ފައިސާ އެއްކުރުމުގެ ހަރަކާތްތައް ނިންމާލިނަމަވެސް ރަށްރަށުން އެއްކޮށްފައިވާ ފައިސާ އެކައުންޓްތަކަށް ޖަމާކުރުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޭ.އައި.ސީން ބުނެފިއެވެ.

ސޫރިއާގެ ޣޫތާގައި އަނިޔާލިބި، ހާލުގައި ޖެހެމުންދާ މުސްލިމުންނަށް އެހީތެރިވުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ހުޅުވި "ޣޫޠާ އިމަރޖެންސީ ރިލީފް" ފަންޑަށް ފައިސާ ހޯދުމުގެ ތަފާތު ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ކަޕްކޭކް ވިއްކުމާއި ޖަމްބަލް ސޭލް އަދި ބޯވަ ނެގުމާއި މަސައްކަތު ނުކުތުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ އެކި ފަރާތްތަކުން އެއްކޮށްފައިވާ ފައިސާ "ޣޫޠާ އިމަރޖެންސީ ރިލީފް" ފަންޑުގެ އެކައުންޓްތަކަށް ޖަމާކޮށް ނިމުމުން، ލިބުނު ފައިސާގެ އަދަދު އިޢުލާން ކުރާނެކަމަށެވެ. އަދި ފަންޑަށް އެއްކުރާ ފައިސާ ހަވާލުކުރާނީ ސޫރިޔާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ތުރިކީގެ ޖަމިއްޔާއެއް ކަމަށްވާ އީ.ހާ.ހާ ޖަމިއްޔާއާއި ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެއެވެ.