ޚަބަރު

"ރަޙްމަތް ކޭމްޕް"ގެ ހަރަކާތްތައް ރ.އަތޮޅުގައި ފަށައިފި


މޯލްޑިވްސް ޕޮލިސް ސަރިވިސްއާއި އިސްލާމިކް މިނިސްޓްރީ  ގުޅިގެން ކުރިއަށްގެންދާ "ރަޙްމަތް ކޭމްޕް"ގެ ހަރަކާތްތައް މިއަދު ރ.އަތޮޅުގައި ފަށައިފިއެވެ.

މި ކޭމްޕްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިސްލާމިކް މިނިސްޓްރީއާގުޅިގެން ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ "ރަޙްމަތުލިލްޢާލަމީން" ކެމްޕެއިނންގެ މައިގަނޑު އެއް ހަރަކާތެވެ.

"ރަޙްމަތުލިލްޢާލަމީން" އަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ޙަސަދައާއި ރުޅިވެރިކަން ނައްތާލާ އެއްބަނޑު އެއްބަފާ މުސްލިމު ޖަމާޢަތްތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. މި ކޭމްޕް ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަދުވަހުއެވެ.

"ރަޙްމަތް ކޭމްޕް"ގެ އާބުރެއް ރ އަތޮޅުގައި ފަށައިގެން ކުރިއަށްދާއިރު މީގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ހއ އަތޮޅުގައި މިކޭމްޕް ކުރިއަށްގެންގޮސްފައިވެއެވެ.

ރ އަތޮޅުގެ 4 ރަށެއްގައި މިއަދު ފެށި މި ކޭމްޕް މިމަހުގެ 22ގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ކޭޕްތަކުގައި ކުރިއަށްގެންދާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ރަށްރަށުގެ ރަށުކައުންސިލަރުންނާއި ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނަށާއި ރަށްރަށުގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޮކްޝޮޕްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.

މީގެ އިތުރުންން ކައުންސިލިން ބޭނުންވާފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ޚާއްސަ ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްތްރީން މަޢުލޫމާތުދެއެވެ.