ކުޅިވަރު

މެސީގެ ތިން ވަނަ ދަރިފުޅުގެ ނަމަކީ ސިރޯ


ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީއަށް ތިން ވަނަ ދަރިފުޅަކު ލިބިއްޖެއެވެ.

އޭނާގެ އަންހެނުން އެންޓޮނެއްލާ ރޭ ވިހެއި ދަރިފުޅުގެ ނަމަކީ ސިރޯއެވެ. މެސީގެ އެންމެ ދޮށީ ދަރިފުޅުގެ ނަމަކީ ތިއާގޯއެވެ. ދެ ވަނަ ދަރިފުޅަކަށް ކިޔަނީ މަޓެއޯ އެވެ.

ތިން ވަނަ ދަރިފުޅު ލިބުމުގެ އުފަލުގައި އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން ބާސެލޯނާ މޮޅުވި މެޗުގައި ވެސް މެސީ ނުކުޅެއެވެ. ހޮސްޕިޓަލުގައި ހުރެ މެސީ އޭނާގެ އިންސްޓަރގްރާމް އެކައުންޓްގައި ބުނެފައިވަނީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާއި، މުޅި އާއިލާވަނީ އުފަލުގައި ކަމަށެވެ.

އާޖެންޓީނާގެ ކެޕްޓަން ތިން ވަނަ ދަރިފުޅު ލިބުމުގެ އުފާފާޅު ކުރިއިރު އޭނާ އަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ މުސާރަބޮޑު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މެސީ ބާސެލޯނާއިން ގެންދާނަމަ ޓްރާންސްފާ ފީއެއްގެ ގޮތުގައި 650 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.