ދުނިޔެ

"އިންޑިއާގެ ޖުޑީޝަރީ އޮތީ އިސްލާހުކުރަން ޖެހިފައި"


އިންޑިއާގެ އަދުލުއިންސާފު ޤާއިމްކުރުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ، އެކަންކަން އިސްލާޙުކުރެއްވުމަށް އިންޑިއާގެ ލޯ ކޮމިޝަންގެ ކުރީގެ ޗެއަރމަން ގޮވާލައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުވެސް އަދާކޮށްފައިވާ، އަޖިތް ޕްރަކާޝް ޝާހް އިންޑިއާގެ ޖުޑީޝަރީ އިސްލާހުކުރެއްވުމަށް ގޮވާލީ އިންޑިއާގެ މީޑިއާ ފައުންޑޭޝަން ޖަމްޢިއްޔާއިން ނިއުދިއްލީގައި ހުކުރުދުވަހު ބޭއްވި ބައްދަލުވުމެއްގައި ތަޤްރީރުކުރަމުންނެވެ.

އޭޕީ ޝާހު ދިން ތަޤްރީރުގައި އިންޑިއާގެ ސުޕްރީމްކޯޓަށް، ޚާއްސަކޮށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާގެ އަމަލުތަކަށް ވަނީ ފާޑިކިޔާފައެވެ. މިގޮތުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް އުއްތަމަ ފަނޑިޔާރާ ޚިޔާލު ތަފާތުވާ ފަނޑިޔާރުންގެ ބެންޗުތަކާ ހަވާލު ނުކުރާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ފަނޑިޔާރެއް ރިޝްވަތު ނެގި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންވެސް ބޭރުކޮށްލީ އުއްތަމަ ފަނޑިޔާރުގެ ނުފޫޒުންކަމަށް ޝާހު ވަނީ ތުހުމަތުކޮށްފައެވެ.

ޝާހުގެ ވާހަކައިގައި ވަނީ އިންޑިއާގެ ޖުޑިޝަރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިހާރަށްވުރެ ދެފުށް ފެންނަ ގޮތަކަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި މަޢުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ ޤާނޫނަށް ޖުޑީޝަރީންވެސް އަމަލުކުރުމަށް އޭނާ ވަނި ގޮވާލާފައެވެ.

img:http://s3.psmnews.mv/images/660x400/15206908819314.jpg|އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު، އޭޕީ ޝާހު / އޭނާ ވަނީ އިންޑިއާގެ ޖުޑީޝަރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި

އިންޑިއާގެ ލޯ ކޮމިޝަންގެ ކުރީގެ ޗެއަރމަން ޝާހުގެ ވާހަކައިގައި ޤާބިލު ފަނޑިޔާރުން އިންޑިއާގެ މަތީ ކޯޓުތަކަށް އައްޔަނުކުރަން އިންޑިއާ ސަރުކާރުން ހުރަސް އަޅަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިންޑިއާގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރާ އުސޫލު ބަދަލުކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކަން ކުރާ ގޮތް ބެލުމަށް ޝާހު ވަނީ ގޮވާލާފައެވެ.

ނިއުދިއްލީ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އެޤައުމުގެ ޖުޑީޝަރީ އިސްލާހުކުރުމަށް ގޮވާލިއިރު، މިދިޔަ ޖެނުއަރީމަހު އިންޑިއާގެ ސުޕްރީމްކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ މީޑިއާގައި ފާޅުގައި އެޤައުމުގެ އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިއީ އިންޑިއާގެ ތާރީޚުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންތަކެއް މީޑިއާގައި މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރެވެ. 

ޖެނުއަރީ 12 ވަނަ ދުވަހު މީޑިއާއާ ވާހަކަދައްކަމުން އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުނީ، އުއްތަމަ ފަނޑިޔާރުގެ އަމަލުތައް ހުރި ގޮތުން މުޅި އިންޑިއާ އޮތީ ހަލާކެއްގެ ތެރެއަށް ވެއްޓެން ކައިރިވެފައިކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ޖުޑީޝަރީއަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ބުނެފައެވެ.