ތަރައްްޤީ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ބާރުދުވެލީގައި


ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތްކަމަށްވާ "ކިންގް ސަލްމާން" މިސްކިތުގެ ފައުންޑޭޝަނަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިއަދުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ސަޢޫދީ ރަސްގެފާނު ދިވެހިރާއްޖެއަށް ހަދިޔާކުރައްވާ ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. ކާނިވާ ސަރަޙައްދާ އިންވެގެން އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ. 

މި މިސްކިތް ޑިޒައިންކޮށްފައިވަނީ އިސްލާމީ ވަޙުދަތު ދައްކުވައިދޭހެން ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު ހަ ފަންގިފިލައަށެވެ. މިސްކިތުގެ ޢަމަލީ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ އުޞޫލުން ތުރުކީގެ ދެ ކުންފުންޏަކާއި ސަރުކާރުން ވަނީ ޙަވާލުކޮށްފައެވެ. ކިންގް ސަލްމާން މިސްކިތް ބިނާކުރުމަށް ބޭނުންވާ ސައިޓް ތައްޔާރުކޮށް، މިހާރު ކުރިއަށްދަނީ މިސްކިތަށް ބޭނުންވާ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކިންގް ސަލްމާން މިސްކިތަކީ ހަމައެކަނި ރައީސް ޔާމީން މި ޤައުމަށް ގެންނަވާ ތަރައްޤީގެ މިސާލެއް ނޫންކަމަށާއި، އެއީ މި ސަރުކާރުގެ ޙާރިޖީ ސިޔާސަތުތަކުގެ ވަރުގަދަކަމާއި ކާމިޔާބުކަމުގެވެސް އަލިގަދަ ނަމޫނާއެއްކަމަށެވެ. ޑރ މުޢިއްޒު ވިދާޅުވީ، ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަނަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިއަދުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، މިސްކިތުގެ މަސައްކަތް ޓައިމްލައިނާއެއްގޮތަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، މިއަހަރުގެ ނިޔަލަށް ކިންގް ސަލްމާންގެ މިސްކިތުގެ މަސައްކަތް ނިންމުންކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މިއީ މާލޭގައިވެސް އަދި މުޅި ރާއްޖޭގައިވެސް ހެދޭ އެންމެ ބޮޑު މިސްކިތް. އާކިޓެކްޗަރަލް ރީތިކަމާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ތަފާތުކަމެއް މި މިސްކިތުން ފެނިގެންދާނެ. މި މިސްކިތުގެ މަސައްކަތް މިހާރު ފެށިގެންގޮސް، ފައުންޑޭޝަންގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިއަދުގެ ނިޔަލަށް ނިމޭނެ. އެއާއެކު ކޮންކްރީޓްގެ އެންމެ ފުރަތަމަ މަރުހަލާ މި ނިމިގެންދަނީ. ފެށުނުއިރުގައި ދެތިން ހަފްތާ ޝެޑިއުލަށްވުރެ ފަހަތުގައި އޮތްނަމަވެސް، އެބައި ކެޗްކުރެވި، މިހަފްތާއިން ފެށިގެން ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާނެ. ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން، ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ޝެޑިއުލްކުރެވިފައި އޮތީ. މިތަން ނިމިގެންދާއިރު، މާލޭގެ މަލަމަތިން ދިވެހިވަންތަ އިސްލާމީ ވަރަށް އައިކޮނިކް އިމާރާތަކަށް މި މިސްކިތް ވެގެންދާނެ" ހައުސިންގް މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުން ނަމާދުކުރެވޭނެއެވެ. އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން އެއްފަހާރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.