ކުޅިވަރު

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް މާކޯ ރެއުސް ފުރަގަސްދީފި


ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ފުރަގަސްދިނުމަށްފަހު ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު މާކޯ ރެއުސް ބޮރޫޝިޔާ ޑޯޓްމުންޑްގައި މަޑުކުރަން ނިންމައިފި އެވެ.

ޑޯޓްމުންޑްގެ ކެޕްޓަން 2023 ވަނަ އަހަރާ ހަމައަށް ކުލަބުގައި މަޑުކުރަން އާ ކޮންޓްރެކްޓްގައި ސޮއިކުރީ ރޭގައެވެ. އޭނާ ސޮއިކުރުމާ ހަމައަށް ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި ޗެލްސީން އޭނާގެ ސޮއި ހޯދަން ޝައުގުވެރިވިއެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބުނީ އާ ކޮންޓްރެކްޓްގައި ސޮއި ކުރެވުމުން އުފާވާ ކަމަށާއި، ޑޯޓްމުންޑްގެ ސަޕޯޓަރުންގެ ފަރާތުން ލިބިފައިވަނީ ވަރަށް ބޮޑު ތާއީދެއް ކަމަށެވެ.

ރޮއިސް ޑޯޓްމުންޑާ ގުޅުނީ 2012 ވަނަ އަހަރު އެވެ. މިހާތަނަށް އޭނާ ވަނީ އެކުލަބަށް 196 މެޗު ކުޅެދީފައެވެ. ނަމަވެސް ފަހަކަށް އައި ސީޒަންތަކުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯ އަށް ދިޔަ ޖަރުމަނުގެ ގައުމީ ޓީމުން ޖާގަ ވަނީ ގެއްލިފައެވެ. އެކަމަކު ޤައުމީ ކޯޗު ޖޯހިމް ލޯ ބުނީ މިފަހަރުގެ ވޯލްޑް ކަޕަށް އޭނާ އެކުލަވާ ސްކޮޑުގައި ރެއުސް ހިިމެނޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ.