ޚަބަރު

"ސަރުކާރާމެދުވެސް ރައްޔިތަކާމެދުވެސް އީޔޫއިން ފިޔަވަޅެއް ނާޅާނެ"


ޔޫރަޕްގެ އިއްތިޙާދުން، ރާއްޖޭގެ ސަރުކާރާމެދު ނުވަތަ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ވަކިވަކި ފަރުދުންނާމެދު ދަތިކުރުމުގެ ފިޔަވަޅު ނާޅާނެކަމަށާއި، ދިވެހި ސަރުކާރަށް އެކި ކަހަލަ ޕްރެޝަރު ކުރާކަމަށްބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަޞްލެއްނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަމަށް ރާއްޖެއިން އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

އައިޓީބީ 2018 ގެ ހަވާސާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާން ވިދާޅުވީ، ޔޫރަޕްގެ އިއްތިޙާދު ނުވަތަ އީޔޫއާއި ރާއްޖެއާދެމެދު އޮތީ ވަރަށް ބަދަހި މުހިންމު ގުޅުމެއްކަމަށެވެ. މިއީ ރާއްޖެއިން އެކަނި ކުރިއަށްގެންދަން ބޭނުންވާ ގުޅުމެއް ނޫންކަމަށާ މިއީ އީޔޫއިންވެސް ވަރަށް އިސްކަމެއްދޭ ހަރުދަނާ ގުޅުމެއްކަމަށް ޝިޔާން ވިދާޅުވިއެވެ.

ރާއްޖެއިން އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވީ އީޔޫއާއި ރާއްޖޭގެ ގުޅުމާމެދު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އަޞްލެއް ނެތްކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ބައެއް ކަންކަމާމެދު އީޔޫއިން ނެރުނު ބަޔާނަކަށް ބަލައި އޭގައިވާ ވާހަކަތަކާމެދު ހަޤީގަތާ ޚިލާފު ވާހަކަތައް ދައްކާއިރު، އީޔޫއާއި ރާއްޖެއާދެމެދު އޮތީ ހަމައެކަނި ސިޔާސީ ގުޅުން ނޫންކަން ދަންނަންޖެހޭކަމަށް ޝިޔާން ވިދާޅުވިއެވެ. ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިވެދިނުމާއެކު، ރާއްޖެއާއެކު ވަރަށް ބަދަހި ގުޅުމަކުން އީޔޫ ގުޅިފައިވާކަންވެސް ޝިޔާން ފާހަގަކުރެއްވިއެވެ.

"އަދި ވަކިން ޚާއްސަކޮށް ރާއްޖެއާއި އީޔޫއާ ޓްރޭޑްގެ ގޮތުން ، ފިޝަރީޒްގެވެސް އެންމެބޮޑު އެއް މާކެޓު އީޔޫއަކީ. މިކަމުގައިވެސް އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރަމުން މިދަނީ. މިއަންނަމަހުވެސް މިއޮތީ އީޔޫގެ ވަފުދެއް ރާއްޖޭގެ މަސްވެރިކަމާ ގުޅޭގޮތުން ކަންތައްތައް ބެލުމަށްޓަކައި، އައުމަށް ހަމަޖެހިފައި. މިވެސް އަޅުގަނޑުމެންނާއެކު ގުޅިގެން (އީޔޫ) މަސައްކަތް ކުރަމުންދާކަމުގެ އެއް ހެކި. " ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ އީޔޫއިން އެންމެފަހުން ނެރުނު ބަޔާނަކީ ޢާއްމުގޮތެއްގައި ކުދި ޤައުމުތަކުގައި ހިނގާ އެކިކަހަލަ މައްސަލަތަކާމެދު ބޮޑެތި ޤައުމުތަކުން ނެރޭފަދަ އާދައިގެ ބަޔާނެއްކަމަށެވެ. ސިޔާސީގޮތުންނާއި ޤާނޫނީގޮތުން އެކިއެކި ގޮންޖެހުންތަކާ ކުރިމަތިވެފައިވަނީ ރާއްޖެފަދަ ކުދި ޤައުމުތައް އެކަނި ނޫންކަމަށާއި، ޔޫރަޕުގެ ބޮޑެތި ޤައުމުތައްވެސް މިފަދައެތައް މައްސަލަތަކެއް ކުރިމަތިވެ، އެކަމުން ސަލާމަތް ނުވެވިފައިވާކަމަށް ޝިޔާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިތިބަ ޤައުމު ބާލިން، ޖަރމަނީގެ ކެޕިޓަލް އަދި އެއުޅެނީ ސަރުކާރެއް ޤާއިމުނުކުރެވިގެން. މިހާރު އެމީހުން އިންތިޚާބު ބޭއްވިތާ ހަމަސްވީ. އެއުޅެނީ އެއްގަލަކަށް ނޭރިގެން. މިތާނގެ ޓޯކްޝޯ ތަކާއެއްޗެހި ބަލާލީމާ އެނގޭނެ އިނގޭތޯ، ޓީވީއަށް ޓިއުންކޮށްލީމަ ހީވަނީ ހަމަ ބޮޑު ތަޅާފޮޅުންގަނޑެއް އެދަނީ. މީ ރާއްޖޭގައި ނަމަ އެތައް ބައިވަރު ބަޔާންތަކެއް ނުކުމެފައި އޮންނާނީ. އިޓަލީގަ މިހާރު އެއީ އެންޓި އެސްޓަބްލިޝްމަންޓް ފައިވްސްޓަރ މޫވްމަންޓް އިންތިޚާބު ކާމިޔާބުކުރީ އެއީ ސީދާ އީޔޫ ވަކިވާން މަސައްކަތްކުރާ ނުވަތަ އެންޓި އެސްޓަބްލިޝްމަންޓް ޕާޓީއެއް. އެތަނުގެ ޙާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ފްރާންސްގައި ސްޓޭޓް އޮފް އިމަޖެންސީ ޢިއުލާންކޮށްފައި އޮންނަތާ ދެއަހަރުވީ." ޝިޔާން ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަކީ ވަކި ޤައުމަކަށް އޮތްކަމެއްނޫންކަމަށާ، މިފަދަ ކަންކަމުން އަރައިގަތުމަށް ޤައުމުތަކުން މަސައްކަތްކުރަނީވެސް އަދި ކުރަންޖެހޭނީވެސް އަޤައުމެއް އަމިއްލައަށް ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި އެކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަދެގެންނުވާނެކަމީ އީޔޫއިންވެސް ގެންގުޅޭ މައިގަނޑު ސިޔާސަތެއްކަމަށް ޝިޔާން ވިދާޅުވިއެވެ. ޝިޔާން ވިދާޅުވީ އީޔޫއިން އެންމެފަހުން ރާއްޖެއާބެހޭގޮތުން ނެރުނު ބަޔާނަކީ ހަމައެކަނި ސަރުކާރަށް އަމާޒުކޮށް ނެރުނު ބަޔާނެއްނޫންކަމަށާއި، އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ޢަމާޒުކޮށް ނެރުނު ބަޔާނެއްކަމަށެވެ. އިދިކޮޅު ފަރާތްތަކުން ޕާޓީތަކުގެ މަޝްވަރާތަކަށް ނުގޮސް ބަހަނާދައްކާކަމާއި، އެފަރާތްތަކުގެ ޢަމަލުތައް ހުރިގޮތް އީޔޫއަށް އެނގޭކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

"އެމީހުންވެސް ބުނީ ހަމަ ވަރަށް ރަނގަޅަށް އެނގެއޭ ބުނީ، އިދިކޮޅުފަރާތްތަކުންވެސް އަންނަން ޖެހޭކަމަށް. އަދި ބުނީ އިދިކޮޅު ފަރާތްތަކަށްވެސް އެދޭންވާ މެސެޖު އެބަދެމޭ. މީހަމަ ސީދާ އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކައެއް، އީޔޫއިން އިދިކޮޅުފަރާތްތަކަށްވެސް ދޭންވާ މެސެޖު އެބަދެމޭ. އެމީހުން މިފައިދަމާކަމާ، އެއްޗެހިވެސް އެނގެއޭ. އެހެންކަމުން މިއީ މިކަމުގެ ހަޤީގަތް އޮތްގޮތް. މިއީ ކޮންމެހެން ސަރުކާރަށް (އީޔޫއިން) ގޮވާލި ގޮވާލުމެއްނޫންކަން، މިއީ ހުރިހާ ފަރާތްތަކަށް ގޮވާލި ގޮވާލުމެއްކަން." ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ޔޫރަޕްގެ ޤައުމަކުން ދިވެހިސަރުކާރާ ދެކޮޅަށްވެސް އަދި ވަކިވަކި ދިވެހި ރައްޔިތަކާ ދެކޮޅަށްވެސް އެއްވެސް ކަހަލަ ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެކަމުގެ ފުރިހަމަ ޔަޤީކަން އެބައޮތްކަމަށާ، އެފަދަ ކަމެއް ވިޔަ ނުދިނުމުގެ ފުރިހަމަ ޤާބިލްކަމާއި، ބާރު ދިވެހި ސަރުކާރުގެ ކިބާގައި އެބަހުރިކަމަށެވެ.