ޚަބަރު

ޣޫޠާގެ މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރަނީ


ސޫރިއާގެ ޣޫތާގައި އަނިޔާލިބި، ހާލުގައި ޖެހެމުންދާ މުސްލިމުންނަށް އެހީތެރިވުމަށް ހުޅުވާފައިވާ "ޣޫޠާ އިމަރޖެންސީ ރިލީފް" ފަންޑަށް ފައިސާ ހޯދުމުގެ ތަފާތު ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާކަމަށް މިހަރަކާތް އިންތިޒާމުކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެފިއެވެ. 

ޣޫތާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ކުރިއަށްގެންދާ ކެމްޕެއިނުގައި މިހާތަނަށް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ރަށްރަށުގަައިވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފަނޑަށް ލާރި ހޯދުމައްޓަކައި ކަޕްކޭކް ވިއްކުމާއި ޖަމްބަލް ސޭލް އަދި ބޯވަ ނެގުމާއި މަސައްކަތު ނުކުތުމުގެ ހަރަކާތްތައް ރަށްރަށުގައި ދަނީ ކުރަމުންނެވެ. ފަންޑު ހޯދުމަށް ހަރަކާތްތައް ކުރިއަށްގެންދާ ބައެއް ރަށްރަށުގެ ތެރޭގައި އހ. ދިއްދޫއާއި ހދ. ނޮޅިވަރަންފަރާއި އެއަތޮޅު މަނކުނުދޫ އާއި ނ. ހެނބަދޫއާއި ނ. މަނަދޫއާއި ޅ. ނައިފަރާއި އއ. މާޅޮހާއި ރ. މަޑުއްވަރީ ހިމެނެއެވެ. އަދި މާދަމާ ތ. ގުރައިދޫގައިވެސް "ޣޫތާ އިމަރޖެންސީ ރިލީފް" ފަންޑަށް ފައިސާ އެއްކުރުމަށް ތަފާތު ހަރަކާތްތައް ހިންގަންވަނީ ހަމަޖައްސާފައިވެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭއިންއިން ވަނީ މި ހަރަކާތުގައި ހުރިހާ މުއައްސަސާތަކާއި އިދާރާތައް ބައިވެރިވެ ޣޫޠާގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމަށް ގޮވާލާފައެވެ.  ޣޫޠާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވެދޭނީ ހަމައެކަނި ފައިސާއިން ކަމަށާއި އަދި އެފައިސާ ހަވާލުކުރާނީ ސޫރިއާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ތުރިކީގެ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ އީ.ހާ.ހާ އާއި ހަވާލުކޮގެންކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެއެވެ.