ސިޔާސީ

"ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރެއް ނުކުރަން"


ޕީ.ޕީ.އެމުން ބާއްވާ އެއްވުންތަކާއި ޖަލްސާތަކަށް ދިއުމަށް އެއްވެސް ހާލެއްގައި އެމް.ޕީ.އެލްގެ މުވައްޒަފުންނަށް މަޖުބޫރު ނުކުރާކަމަށާއި، މުވައްޒަފުން އެތަންތަނަށް ދަނީ ރައީސް ޔަމީންގެ ސަރުކާރުން ގެނެސްދެއްވާ ތަރައްޤީ ފެނި އެކަންކަން ހިތުން ރުހުމުން ޤަބޫލުކުރާތީކަމަށް އެމްޕީއެލްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ އިބްރާހީމް އަބްދުލްރައްޒާޤު ހަލީމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންކަމަށެވެ. އަދި ރައީސް ޔަމީންގެ ސަރުކާރުން ކުންފުނިތައް ބާރުވެރިކުރުވުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި، އެކަންކަމުގެ ނަތީޖާ މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާލުމުން އެނގިގެންދާކަމަށެވެ. އިބްރާހީމް އަބްދުލްރައްޒާޤު ވިދާޅުވީ، ސަރުކާރުން ބާއްވާ އެކި ޙަފްލާތަކާއި ޖަލްސާތަކުގައި، އެމް.ޕީ.އެލްގެ މުވައްޒަފުން ބައިވެރިވަނީ އެއްވެސް ހާލެއްގައި މަޖުބޫރުކުރުވައިގެން ނޫންކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވާ ތަރައްޤީ މިއަދު ބަލައިގަންނަނީ ހަމައެކަނި އާއްމު ރައްޔިތުން އެކަނި ނޫންކަމަށާއި، ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވެސް އެކަންކަން ބަލައިގަންނަނީ ހެޔޮހިތުންކަން އިބްރާހީމް އަބްދުލްރައްޒާޤު ފާހަގަކުރެއްވިއެވެ.

"ޝައްކެއްވެސް ނެތްގޮތުގައި އެމް.ޕީ.އެލްގެ މުވައްޒަފުން ޕީ.ޕީ.އެމްގެ ޖަލްސާތަކުގައި ބައިވެރިވޭ. އެކަމު ވަރަށް ކެރިހުރެ އަޅުގަނޑު މިދަންނަވަނީ އެއީ މަޖުބޫރުކޮށްގެނެއް ނޫން. ސަރުކާރުގެ ސިޔާސަތުތައް ގްރައުންޑް ލެވެލްގައި ތަންފީޒުކުރަން ތިބޭ އެންމެ މުހިއްމު ފަރާތްތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން. މިހުރިހާ މުވައްޒަފުންނަކީ ޤައުމު މިއަދު މިދެކޭ ތަރައްޤީ ގެނެއުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ ފަރާތްތައް. އެހެންވީމަ އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި މި ޤައުމަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ. އަދި މުވައްޒަފުންނަށްވެސް އެނގޭ މިވީ 4 އަހަރުގެ ތެރޭގައި ކުންފުނިތައް ކުރިއަރައިގެންގޮސްފައިވާ މިންވަރު" އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުލްރައްޒާޤު ވިދާޅުވީ، އެމް.ޑީ.ޕީގެ ސަރުކާރުގައި ކުންފުނިތައް އޮތީ މާލީ ބޮޑެތި ގޮންޖެހުންތަކަކާއެކު އެއްކޮށް އިނދަޖެހިފަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ފެންނަންނެތްކަމަށެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެ، ކުންފުނިތައް ކުރިއަރައިގެންދާ ތަން ފެނި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ޚުދު އެ މުވައްޒަފުންވެސް ބޭނުންވާކަމަށް އިބްރާހީމް އަބްދުލްރައްޒާޤު ވިދާޅުވިއެވެ.