ޚަބަރު

"ޣައްދާރުވާ ސިޔާސީ ޕާޓީތައް އުވާލެވޭނެ ނިޒާމެއް އޮންނަންޖެހޭ"


ޤައުމަށް ޣައްދާރުވާ ސިޔާސީ ޕާޓީތައް އުވާލެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ވިދާޅުވީ، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެންނަޖެހޭކަމަށެވެ.  އެއިޞްލާޙުތައް ގެނެސް ޤައުމަށް ޤައްދާރުވާ ސިޔާސީ ޕާޓީތައް އުވާލެވޭނެ ނިޒާމެއް މިހާރު އޮންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މަލްޓި-ޕާޓީ ނިޒާމެއް ރައްޔިތުން ޤަބޫލްކުރީ ޕާޓީ ނިޒާމްގެ ތެރެއިން ރައްޔިތުންގެ ސުލްޙައާއި ލާބައަށް މަސައްކަތް ކޮށްދޭނެކަމަށް އުއްމީދު ކޮށްގެންކަމަށާއި ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުން އެކަން ފެންނަމުން ނުދާކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ މަސައްކަތްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށް ޤަބޫލްނުކުރެވޭކަމަށް އެނޭ ވިދާޅުވިއެވެ.

"ކޮންމެ ޖަމާޢަތަކުންވެސް މަސައްކަތް ކުރަންވާނީ މާވެވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަކަމާއި ޤައުމު ހިމާޔަތްކުރުމުގެ ވިސްނުމުގައި. ނަމަވެސް މި ބައެއް ޕާޓިތަކުން އެކަމެއް ނުފެނޭ. މިވާގޮތަކީ އެމީހުން އުއްމީދުކުރިވަރުގެ ތާޢީދެއް ރައްޔިތުންގެ ފަރާތުން ނުލިބުމުން ވެރިކަން ބަދަލުކުރެވޭނެ ކޮންމެ ކަމެއް ކުރެވޭތޯ މި މީހުން މި ބަލަނީ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.



މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހާ ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ މައްސަލައަށް އިޝާރާތްކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ މީހުންނަށް ޤާނޫނުން ހުއްދަކުރާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަމަށެވެ. އިދިކޮޅު ލީޑަރުން ޤައުމުން ބޭރުގައި ތިއްބަވައިގެން ބޭރުގެ ޖަމިއްޔާ ތަކާއި ގުޅިގެން މަސައްކަތްކުރަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކަމަށް ތުހުމަތު ކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެކަން އެމީހުންނަށް ކާމިޔާބުނުވިކަމަށެވެ.

"މާލޭގެ ތަންތާ ހުޅުޖަހާ، މީހުންގެ މުދަލަށް ގެއްލުންދީ، މާރާމާރީ ހިންގާ މިފަދަ ވިޔާނުދާ ކަންތައް ހިންގަންޖެހޭ އެއްވެސް ޙާލަތެއް މި ރާއްޖޭގައި އޮތްކަމަށް ޤަބޫލެއް ނުކުރެވޭ. މިފަދަ ސަބަބެއް އެބޭފުޅުންނަށް ނުވެސް ދެއްކޭނެ." ޢަބްދުއްރަޙިމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، މާލޭގެ ހަމަޖެހުން ނަގާލުމަކީ އެމްޑީޕީން އަބަދުވެސް ބޭނުންވާ ކަމެއްކަމަށެވެ. އެގޮތުން 2004 ވަނަ އަހަރުގެ ފަހުން ސިޔާސީގޮތުން އެކިފައިދާ ނެގުމަކީ އެމްޑީޕީން ކުރަމުން އަންނަ ކަމެއްކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ.

"އެމްޑީޕީން މަސައްކަތްކުރަނީ ފައިސާ ދީގެންނާ އެނޫންވެސް ގޮތްގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ޤައުމުގެ ހަމަޖެހުން ނަގާލުމަށް" ނިހާން ވިދާޅުވިއެވެ.



ޤައުމުގެ ހަމަޖެހުން ނަގާލާ ރައްޔިތުންގެ މުދަލަށް ގެއްލުންދޭން ރޭވި ރޭވުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ޕީޕީއެމުން ވަނީ މަރުޙަބާ ކިޔާފައެވެ.