ޚަބަރު

"ހަމަނުޖެހުން ހިންގަން ބަޔަކު ދަނީ މަސައްކަތް ކުރަމުން"


މިރެއާއި މާދަމާ މާލޭގެ ހަމަޖެހުމާ އަމަންއަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި އެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. 

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކޮށްފައިވާ މިދަނޑިއަޅުގައި، ވަކި ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ޤާނޫނީ ސަރުކާރު މަގުމަތިން ބަދަލުކުރުމަށް ބަޔަކު އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން ހިތްވަރު ދިނުމާއި މާލެގައި ހަމަނުޖެހުން އިތުރުކުރުމަށް ހުޅުޖެހުމާއި ދައުލަތާއި ޢާންމުންގެ މުދަލަށް ގެއްލުން ދިނުމާއި އެކިއެކި ފަރާތްތަކަށް ފައިސާ ދީގެން އެކި ޒާތްޒާތުގެ ކުށްކުރުމާއި މާރާމާރީ ހިންގުމަށް ހިތްވަރު ދިނުމާއި އަމާންކަން ނަގާލާ ބިރުވެރިކަން އުފެއްދުމަށް ރާވަމުން އަންނަ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިކަންތައްތަކާ ގުޅިގެން ޚާއްޞާ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިރެއާއި މާދަމާ އެކި ސަރައްޙައްދުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާތީ ފުލުހުން ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، މިކަންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރ.އަލިފުށި ހަޒާރީގެ ޙަސަން އަޙްމަދުއާއި ސ.ހުޅުދޫ ބްލޫސްކައި ޢިލްޔާސް ލަބީބާއި މއ.ޗަންބޭލީގެ އަޙްމަދު ޝާހިދުގެ އިތުރުން ގ.ހެޕީސައިޑް ހުސައިން އިލްހާމް އެވެ.

މީގެ ކުރިންވެސް ތަކުރާރުކޮށް ޤާނޫނާ ޤަވާއިދާއި ޚިލާފަށް އެއްވުންތައް ނުބޭއްވުމަށާއި މަގުތަކުގެ ހަމަޖެހުން ނަގާނުލުމަށް ފުލުހުން އިލްތިމާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ ހަތަރު މީހަކު މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް މިކަމުގައި ޝާމިލްވާ އިތުރު މީހުން ފުލުހުންގެ ބެލުމުގެ ދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރާއްޖެއަކީ ސުލްޙަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތް ފަސްނުޖެހި ފުލުހުން ކުރަމުން ގެންދާނަން. އަދި ފުލުހުން ރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓައި ޤާނޫނު އަސާސީގެ ތެެރެއިން ފުލުހުން ކުރަންޖެހޭ ކަންކަމާއި ވާޖިބުތައް އަދާކުރަމުން ގެންދާނަން" ޝިފާން ވިދާޅުވިއެވެ.



މީގެ އިތުރުން ފުލުހުން ބުނީ މިހާރު ފުލުހުން ހިންގާ ތަޙްޤީގުތަކާއި ހިންގާ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފަރާތްތަކާއި ބެހޭގޮތުން ދޮގު މަޢުލޫމާތު ބައެއް މީޑިއާތަކުން ފަތުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންނަށް ހަމަލާ ދިނުމާއި އެނޫންވެސް ކަންކަމާ ގުޅިގެން 1 ފެބުރުއަރީން ފެށިގެން 48 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ އެންމެން މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އަދަދު އޮޅުާވާލާ ރަނގަޅު ނޫން މަޢޫލޫމާތު ފަތުރާތީ އެކަން ހުއްޓާލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.