ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަށް ސީއެސްސީން ޕެނަލް ޑިސްކަޝަނެއް


ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުގެ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި، މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ނިޢުމަތު ޝަފީޤާއި، "ޓްރެއިން ވިތު ކައި"ގެ ފައުންޑަރ އާމިނަތު ތޯރިޤާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި، ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވި މި ޕެނަލް ޑިސްކަޝަންގައި ބައިވެރިިވި ޕެނެލިސްޓުންވަނީ ވަޒީފާގެ މާޙައުލުގައާއި ޢާންމު ދިރިއުޅުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައިވެސް އަންހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

ހަމަ އެހެންމެ އަންހެނުންނަށް ހުރި ތަފާތު އެކި ފުރުޞަތުތަކާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އަންހެނުން ހޭލުންތެރި ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކާ ގުޅޭ ގޮތުންވެސް ޕެނަލްގައި ތިއްބެވި ބޭފުޅުންވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ޤައުމުގެ އިސް ސަފުގައި އަންހެނުންގެ ޙިއްސާ އޮތުމާއި، ތަރައްޤީގެ ސިޔާސަތު ތަފާތު ނަޒަރަކުން ރޭވުމުގެ އިތުރުން އަންހެނުންނާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ގޮތަކަށް އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހިފައިވާކަން ޕެނަލްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންސްގައި ބައިވެރިވި ބޭފުޅުންވަނީ އެބޭފުޅުންގެ އަމިއްލަ ތަޖުރިބާ ޙިއްސާކުރައްވާ، ޑިސްކަޝަންސްގައި ބައިވެރިވި ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.