ޚަބަރު

އަންގ ސަންގ ސޫޗީއަށް ދިން ޝަރަފެއް އަނބުރާ އަތުލައިފި


އެމެރިކާގެ ހޮލޯކާސްޓް މެމޯރިއަލް މިއުޒިއަމުން މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަންގ ސަންގ ސޫޗީއަށް ދީފައިވާ ޝަރަފެއް އަނބުރާ އަތުލައިފިއެވެ.

އެމެރިކާގެ ހޮލޯކާސްޓް މެމޯރިއަލް މިއުޒިއަމުން 2012 ވަނަ އަހަރު އަންގ ސަންގ ސޫޗީއަށް ދީފައިވާ އެލީ ވީސަލް އެވޯޑަކީ، އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެމިއުޒިއަމުން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ސޫޗީއަށް ދީފައިވާ ޝަރަފު އަނބުރާ އަތުލީ، މިޔަންމާގައި އުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުވުމަށް، މިޔަންމާގެ އިސް މަޤާމެއްގައި ހުރެގެން ސޫޗީ އެއްވެސް މަސައްކަތެއް ނުކުރާތީކަމަށް، ހޮލޯކާސްޓް މެމޯރިއަލް މިއުޒިއަމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހޮލޯކާސްޓް މެމޯރިއަލް މިއުޒިއަމުން ނެރުނު ބަޔާނުގައި، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ސޫޗީ މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރިކަމަށާއި ނަމަވެސް ސޫޗީގެ ފަރާތުން ފެނިގެންދިޔައީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މީހެއްގެ ފަރާތުން ފެނިގެންވާނޭ މަންޒަރެއް ނޫންކަމަށެވެ. މީގެ އިތުރުން ސޫޗީ ލީޑަރަކަށް ހުންނަވާ މިޔަންމާގެ ވެރިކަންކުރާ ޕާޓީން އދގެ ތަހްޤީޤީ އޮފިޝަލުންނަށް ފުރުޞަތުދީފައި ނުވާއިރު ލާއިންސާނީ ޖަރީމާތަކުގެ ޚަބަރު ކަވަރކުރާ ނޫސްވެރިންނަށް ހުރަސް އަޅަމުންދާކަންވެސް އެބަޔާނުގައި ފާހަގަކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/15203411337154.jpg|ރޮހިންޔާ މުސްލިމުން ދިރިއުޅޭ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއް / ގިނަ އަދަދެއްގެ ބަޔަކު މިކޭމްޕްތަކުގައި ދިރިއުޅޭ

އެމެރިކާގެ ހޮލޯކާސްޓް މެމޯރިއަލް މިއުޒިއަމުން ސޫޗީއަށް ދީފައިވާ ޝަރަފު އަނބުރާ އަތުލާފައިވާއިރު، އޮކްސްފޯޑް ޔުނިވަރސިޓީން ދީފައިވާ ފްރީޑަމް އޮފް ސިޓީގެ އެވޯޑްވެސް ވަނީ މިދިޔަ ނޮވެމްބަރުމަހު އަތުލާފައެވެ.

މިޔަންމާ ސަރުކާރާއި އެޤައުމުގެ އަސްކަރިއްޔާއިން ރަކައިން ސްޓޭޓްގައި އުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާ އިންސާނީ ޖަރީމާތަކާ ގުޅިގެން 700،000 އަށްވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. ބަންގްލަދޭޝްގައިވެސް އެމީހުންނަށް ކުރިމަތިލާންޖެހިފައިވަނީ ހިތްދަތި، އުނދަގޫ ކަންތައްތަކެވެ. ބޯކޮށް ވާރެވެހި، ކިސަޑު ހެދިފައިވާ ސަރަޙައްދުތަކުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކުގައި އެމީހުން އުޅެމުންދަނީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބި ބަލި މަޑުކަމާއެކުއެވެ.

މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރޭގައި މުސްލިމުންގެ ގެތަކުގައި ހުޅުޖެހުމާއި މީހުން މެރުމާއި އަންހެންކުދިން ރޭޕް ކުރުން ހިމެނެއެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުން މިކަން ސިފަކުރަމުންދަނީ، ރޮހިންޔާ މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.