ޚަބަރު

އެއްވުމަށް މީހުން ގެންދަނީ ހަދިޔާ ދޭން ބުނެގެން - ނަޝީދު


އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް މީހުން ގެންދަނީ އެކި ކަހަލަ ރިޝްވަތު ހުށަހަޅައިގެންކަމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ ދެވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޚާއްސަ އެހީއަށް ބޭނުންވާ މީހާއަކީ ހަދިޔާއެއް ދޭން ބުނެގެން އެތަނަށް ދިޔަ މީހެއްކަމަށެވެ. 

ނަޝީދުގެ ޓްވީޓްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހާ އެއްވުމަށް ގެންދިޔައީ ފޮޓޯއެއް ހޯދުމުގެ މަޤްޞަދުގައިކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހާއާ ވާހަކަދައްކާލުމުން، އެއްވުމަށް ދާން ޝަރުތުކޮށް ހަދިޔާއެއް ދޭން ބުނި މީހާއަކީ ދީނާ ދުރު، ސެކިއުލަރ މީހެއްކަމަށް އޭނާ ބުނެފައިވާކަމަށްވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

img:http://s3.psmnews.mv/images/660x400/15205094193172.jpg|ނަޝީދުގެ ޓްވީޓް

ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދުގެ ޓުވީޓްގައި ހަދިޔާއެއް ދޭން ބުނެގެން މުޒާހަރާއަށް ދިއުމަކީ ރިޝްވަތު ހިފުމުގެ އަމަލެއްތޯ ސުވާލުކުރުމުން، ޚާއްސަ އެހީއަށް ބޭނުންވާ މީހާ އެކަމަށް ޖަވާބެއް ނުދީ، ހިނިތުންވެލީކަމަށް ވިދާޅުވެފައިވެއެވެ.

މިމަހުގެ 2 ވަނައަށްވީ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު އަސާ ގަނޑެއްގައި އެހީގައި އެއްވުމުގައި ހަރަކާތްތެރިވުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ނަމަވެސް އދ.މާމިގިއްޔަށް ނިސްބަތްވާ އަބްދުއްރަޝީދު ދަންނަ ގިނަ ބަޔަކު ބުނަނީ އޭނާއަކީ އަބަދުވެސް ބެންކުތައް ކައިރީ ސަލާންޖަހަން އުޅޭ މީހެއްކަމަށެވެ. އޭނާއަށް ޤާސިމް އިބްރާހިމްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.