އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ފާތިޙާ ސޫރަތް ކިޔަވަން ފަށާއިރު އެންމެ ރަނގަޅު ގޮތަކީ "ބިސްމި" އަޑުހަރުކޮށް ކިޔުންކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާ އެކަން އިއުލާންކޮށްފިއެވެ. އެ މަޖިލީހުން މިހެން ބުނެފައިވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބިސްމި ކިއުމާއި ގުޅޭގޮތުން ނެރުނު ފަތުވާގައެވެ.
ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ، بِسْمِ اللهِ الرَّحْمٰنِ الرَّحيمِ އަކީ ސޫރަތުލް ފާތިޙާގެ އެއް އާޔަތްކަން ކީރިތި ޤުރުއާނާއި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ސުންނަތުން ސާބިތުވާކަމަށެވެ. ކޮންމެ ނަމާދެއްގައިވެސް ސޫރަތުލް ފާތިޙާ ކިޔެވުމަކީ ފަރުޟެއްކަމަށާއި، ފާތިޙާ ސޫރަތް ނުކިޔަވާ އެއްވެސް ނަމާދެއް ސައްޚަ ނުވާނޭކަން ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާއިރު، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، ކީރިތި މާތް ރަސޫލާ، ފާތިހާ ސޫރަތް ކިޔަވާވިދާޅުވުމަށް ފައްޓަވާއިރު، بِسْمِ اللهِ الرَّحْمٰنِ الرَّحيمِ ބާރަށް، އަދި ބައެއް ފަހަރު ސިއްރުންވެސް ވިދާޅުވިކަން ސުންނަތުން ސާބިތުވާކަމަށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ.
ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނީ ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ، ފަރުޢީ ޙުކުމްތަކުގައި ޢަމަލުކުރަމުން އަންނަނީ ޝާފިޢީ މަޛްހަބުގައި ވާގޮތަށްކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ދީނީ ވަޙްދަތު އާލާކޮށް މުޖްތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމައްޓަކައި އިމާމްވެ ނަމާދުކުރާ ކޮންމެ މީހަކުވެސް އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަގަޅުގޮތަކީ ސޫރަތުލް ފާތިހާ ކިޔަވަން ފަށާއިރު، بِسْمِ ބާރަށް ކިޔުމަށްކަމަށެވެ. އަދި އެގޮތަށް ފަތުވާދޭ އެންމެ މަޖިލީހުންވަނީ ނިންމާ އެކަން އިއުލާންކުރާކަމަށްވެސް ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ.