މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ތަރައްޤީކުރާ ލޮޖިސްޓިކް ވެއަރހައުސް ޢިމާރާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމްޕީއެލާ ޙަވާލުކޮށްފިއެވެ.
އެމްޕީއެލާއި ހައުސިންގް މިނިސްޓްރީން މިއަދުވަނީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި މި މަަޝްރޫޢުގެދަށުން ވެއަރހައުސްގެ ގޮތުގައި ބޭނުންކުރަން ފަސް ޢިމާރާތާއި ޕަރކިންގ ކުރުމަށް ޚާއްޞަ ޢިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތްތައް ޚާއްސަކޮށްފައިވަނީ ގުދަންކުރުމަށް ބޭނުންކުރުމަށާއި، ވޯކްޝޮޕްތަކަށާއި އެފަދަ އެކިއެކި މަސައްކަތްތައް ކުރުމަށެވެ. އިންޑަސްޓްރިއަލް ވިލެޖަށް މިފަދަ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމަށް ސަރުކާރުން ނިންމީ މާލެއަށް ދިމާވެފައިވާ ތޮތްޖެހުން ކުޑަކުރުމާއެކު، ސިނާޢީ އެކި މަސައްކަތްތަކުގައި ބޭނުންކުރާ ސިއްޙަތައް ނުރައްކާތެރި އެކިއެކި މާއްދާތައް ޢާއްމުން އުޅޭ ޞަރަޙައްދުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ތަރައްޤީކުރާ ލޮޖިސްޓިކް ވެއަރހައުސް ޢިމާރާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމްޕީއެލާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ކުރަމުންދާ ތޮށިލުމުގެ މަސައްކަތާއި، މަގުހެދުމާއި، ފެނާއިނަރުދަމާގެ މަސައްކަތްތައް ގާތްގަނޑަކަަށް އެއްކޮށް ނިމިފައިވާކަމަށެވެ.
މިިނިސްޓަރ ވިދާޅުވީ އަލަށް ތަރައްޤީކުރާ ގުދަންތަކާއި ވޯރކްޝޮޕްތަކުގެ މަސައްކަތް ނިންމުމަށް ދެއަހަރު ދުވަހުގެ މުއްދަތެއް ދީފައިވީނަމަވެސް ޢިމާރާތްތައް ނިމޭވަރަކުން ދޫކުރުމުގެ މަސައްކަތް ކުރާނެމަށެވެ.
އަދި ގުދަންތަކާއި ވަރކްޝޮޕްތައް ކުއްޔަށް ދިނުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ މާލޭގެ ހަނި ގޯޅިގޮތަކާއި ޓްރެފިކް ތޮތްޖެހޭ މަގުތަކުގައި ހުރި ގުދަންތަކާއި، ސިއްޙަތައް ގެންލުންލިބޭފަދަ މާއްދާތައް ބޭނުންކުރާ ވަރކްޝޮޕްތަކަށް އިސްކަން ދީގެންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިމާރާތްތައް ކުއްޔަށް ދިނުމުގައި ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް އެމްޕީއެލާއެކު މަޝްވަރާކުރަމުންދާކަމަށެވެ.
"އިމާރާތްނުކޮށް ބިން ކުއްޔަށްދޭނަމަ ދެވޭނީ ވަރަށް މަދު ބަޔަކަށް. މިހާބޮޑު އިންވެސްޓްމަންޓެއްކޮށްފައި އެކަމުގައި ފައިދާވާނީ ވީހާވެސް ގިނަ ފްލޯ އޭރިއާ އުފެދޭ ގޮތަކަށް ތަންހެދުން. އިމާރާތުގެ މަސައްކަތް ނިންމައި ފްލޯ އޭރިއާ ކުއްޔަށްދޭނީ މާލޭތެރޭގައި މަސައްކަތްކުރުމަށް ކަނޑައަޅާ މިންގަނޑަށް ނުފެތޭ ތަންތަނަށް އިސްކަންދީގެން." ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭގައި ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށެވެ. އަދި ޢިމާރާތްތަކުގެ ފައިނަލް ޑިޒައިންތައް ހަދާއިރު ބަރު މުދާ ރައްކާކުރެވޭފަދަ ވަރުގަދަ ގުދަންތަކެއް ހެދުމަށް އިސްކަން ދީފައިވާކަމަށް ރައްޒާޤް ވިދާޅުވިއެވެ.
މާލޭ ހުޅަނގު ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖު ތަރައްޤީކުުރުމަށް 6.9 ހެކްޓަރުގެ ބިމެއްވަނީ އެ ސަރަޙައްދުން ހިއްކާފައެވެ.