ކުޅިވަރު

ފަހަތަށް ކުޅުނަސް މަޤްސަދަކީ އަކީ ގޯލު ޖެހުން: މެސީ


ބާސެލޯނާގައި އޭނާ މިދިޔަ އަހަރުއްސުރެ މެދުތެރެއަށް ޖެހިގެން ކުޅުނަސް ހަޤީގީ މަގްސަދަކީ ގޯލު ޖެހުން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.

މެސީ އެންމެ ފުރަތަމަ ބާސެލޯނާގައި ކުޅުނީ ކަނާތްފަރާތުން ކުރިއަށެވެ. ފޯލްސް ނަންބަރ ނައިންގެ މަޤާމަށް އޭނާ ބަދަލުކުރީ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. އޭގެ ފަހުން ލުއިސް އެންރީކޭގެ ކޯޗުކަމުގައި މިދިޔަ އަހަރުން ފެށިގެން މެސީ ފެނުނީ އަނެއްކާ ވެސް ކަނާތް ފަރާތުން ކުރިއަށް ކުޅޭތަނެވެ. މިހާރުގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ގޭމް ޕްލޭން 4-4-2 އަށް ބަދަލު ކުރި ނަމަވެސް މެސީ ބޮޑަށް ފެނިގެންދަނީ އެހެން ފޯވަޑުންނަށްވުރެ ފަހަތުން ކުޅޭނަތަނެވެ.

"ތެދެއް. ދަނޑުމަތީގައި އަހަރެން ކުޅޭ މަޤާމު ކުޑަކޮށް ބަދަލުވެއްޖެ. އަހަރެން މިހާރު ކުޅެނީ ކުރިއަށްވުރެ ފަހަތަށް ފައިބައިގެން. އެކަމަކު އަހަރެންގެ އައިޑީއާ އަކީ ވީހާ ބޮޑަށް ގޯލާ ކައިރިވުން އަދި ގިނަ ގޯލުތަކެއް ޖެހުން،" މެސީ ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ބުނީ މެސީ އަކީ ގިނަ މަޤާމުތަކަށް ކުޅެވޭ ކުޅުންތެރިއެއް ކަމަށާއި ކޮންމެ މަޤާމަކަށް ކުޅުވިޔަސް އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އޭނާ ނަންބަރ 9 އަށް ކުޅުނަސް، ނަންބަރު 10ގެ ޕޮޒިޝަނަށް ކުޅުނަސް ނުވަތަ ޕޮޒިޝަން 8 ނުވަތަ 6 އަށް ކުޅުނަސް އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މިއިން ކޮންމެ މަޤާމަކަށް ވެސް އޭނާ މޮޅަށް ކުޅޭނެ. ކޯޗުން އޭނާގެ ބޭނުން ހިފަން ގަސްތުކުރަނީ އިދިކޮޅު ޓީމަށް ވިސްނާފައި އެންމެ ރަނގަޅު ޕޮޒިޝަނަށް،" އެންރީކޭ ބުންޏެވެ.

މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ބުނީ ހަ ވަނަ ފަަރަށް ބެލޮންޑީއޯ ހޯދުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ އިސްކަން ދެނީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ. މެސީގެ ގިނަ ގޯލުތަކާއެކު ސްޕެނިޝް ލީގުގެ ކުރީގައި ބާސެލޯނާއޮތްއިރު އެ ޓީމު ވަނީ ސްޕެނިޝް ކަޕުގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވެސް ބާސެލޯނާ ވަނީ ކުއާޓާ ފައިނަލަށް ގާތަށް ޖެހިލައިފައެވެ.