ކުޅިވަރު

ބަލިވިޔަސް ސިޓީ ކުއާޓާ ފައިނަލަށް


އަމިއްލަ ދަނޑުގައި މި އަހަރު ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

ސްވިޒަލޭންޑްގެ އެފްސީ ބަސެލް އަތުން ސިޓީ ރޭ ބަލިވީ 2-1 ނެވެ. ނަމަވެސް މިދެ ޓީމުގެ ފުރަތަމަ މެޗު 4-0 ން ސެިޓީ ކާމިޔާބުކޮށްފައިވާތީ ރޭގެ މެޗު ފެށިއިރު ވެސް ގާތްގަނޑަކަށް ސިޓީ އޮތީ ކުއާޓާ ފައިނަލުގައެވެ. އަދި މެޗަށް ސިޓީ ނުކުތީ ފުރަތަމަ 11ގެ ހަތް ކުޅުންތެރިން އަރާމުކުރަން ބައިތިއްބާފައެވެ. މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ބްރެޒިލްގެ ޒުވާން ފޯވޑް ޖެސޫސްއެވެ.

މިއީ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީ އަކީ އަދި ޔޫރަޕުގެ ބޮޑު ބާރެއްނޫން ކަމަށާއި، ނަމަވެސް އެ ޓީމުން އަންނަނީ ގަދަ ބާރަކަށް ވުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"އަހަރުންގެ އަމާޒަކީ ޔޫރަޕުގައި ކާމިޔާބު ހޯދުން. އެކަމަކު އަކަމަށް ވަގުތު ނަގާނެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ފަދަ ހަރު ޓީމަކަށް ސިޓީ ވެގެންދާނީ އަދި ދުވަސްކޮޅެއް ފަހުން. މިހާރު ދައްކަމުން އަންނަ ކުޅުމާއި ނެރޭ ނަތީޖާ އަކީ ބޮޑު ކުލަބަކަށްވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ބާސެލޯނާ އަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ ގިނަ ކުޅުންތެރިންތަކެއް އަރާމު ކުރުވީ ކުރިއަށްހުރި މެޗުތަކަށް ވިސްނާފައި ކަމަށެވެ. އަދި މެޗުން ބަލިވުމަކީ މައްސަލައެއްނޫން ކަމަށާއި، އެމީހުން ބޭނުންވި ކަންތައްތައް މެޗުން ހާސިލް ކުރެވުނު ކަމަށެވެ.