ޚަބަރު

އެންޓި-ޑިފެކްޝަން ބިލަށް އެމްޑީޕީ މެމްބަރުންގެ ތާޢީދު


ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭކަން ބަޔާންކުރާ ބިލް ނުވަތަ އެންޓި ޑިފެކްޝަން ބިލަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ތާޢީދުކުރާކަން ހާމަކޮށްފިއެވެ. އެގޮތުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވަނީ އެންޓި ޑިފެކްޝަން ޤާނޫނު އޮތުން މުހިންމުކަން ހާމަކޮށް ޓުވީޓުކުރައްވާފައެވެ. އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެންޓި ޑިފެކްޝަން ޤާނޫނެއް އޮތުން މުހިންމު ކަމަށާއި، އެއް ޕާޓީއަކަށް ހޮވުނު މެންބަރަކު އަނެއް ޕާޓީއަށް ދާންވާނީ ގޮނޑި ދޫކޮށްފައިކަމަށެވެ. އަދި އަލުން ގޮނޑި ބޭނުންނަމަ ޖެހޭނީ އަލުން ކުރިމަތިލާންކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފްގެ އިތުރުން އެމްޑީޕީގެ އިތުރު މެންބަރުން ވަނީ މި ބިލަށް ތާޢީކުރާކަން ހާމަކޮށްފައެވެ. 

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އެ މެމްބަރުން މި ބިލަށް ތާޢީދުކުރަނީ، މެންބަރަކު އިންތިޚާބުވާ ޕާޓީ ނޫން ޕާޓިއަކަށް ބަދަލުވެވޭގޮތަށް އޮތުމުން އެޕާޓީއަށްވެސް ގެއްލުންވާތީ ކަމަށެވެ. އެންޓި ޑިފެކްޝަން ބިލުގެ މަޤްޞަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ބިލަކީ މަޖިލީހަށް އިންތިޚާބުވާ ޕާޓީންވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބޭއްވުމުގެ އިޖްރާޢާތްތައް ބަޔާން ކުރުންވެސް މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މިބިލުގައި މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ޙާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ރާއްޖެއަށް އެންޓި ޑިފެކްޝަން ޤާނޫނެއް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެ ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް ކަމަށްވެސް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. 

އެންޓި ޑިފެކްޝަން ޤާނޫނަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވަރަށް ކުރީއްސުރެން ޢަމަލުކުރަމުން އަންނަ ޤާނޫނެކެވެ. އެގޮތުން އަވަށްޓެރި އިންޑިއާގައި 1985 ވަނަ އަހަރުން ފެށިގެން ދަނީ އެންޓި ޑިފެކްޝަން ޤާނޫނަށް ޢަަމަލު ކުރަމުންނެވެ.