ޚަބަރު

ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން މުހިންމު


ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާއާއި ދައުރު އިތުރުކުރުމަށްޓަކައި މުޖުތަމަޢުގައި ވަކިގޮތަކަށް އަށަގެންފައިވާ އާދަތަކަށް ބަދަލުގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޢަބްދުﷲ ޖިހާދު ވިދާޅުވީ، އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ 49 އިންސައްތަކަމަށްވާއިރު، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ، ޤައުމީ ތަރައްޤީގެ ދުވެލި އިތުރަށް ހަލުއި ވެގެންދާނެކަމެއްކަމަށެވެ. އެހެންކަމުން އަންހެނުން ބާރުވެރިކޮށް ކަންކަމުގައި އަންހެނުންގެ ހިިއްސާ އިތުރުކުރުމަކީ އަދުގެ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމުގައި ނާއިބުރައީސް ވިދާޅުވިއެވެ. އެގޮތުން  2015 ވަނަ އަހަރު ރާއްޖެއިން އަމަލުކުރަންފެށި ޖެންޑަރ އީކުއަލިޓީ ޤާނޫނަކީ އަންހެނުން ބާރުވެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް، މުހިއްމު ބައެއް ދާއިރާތަކުގައި އަންހެނުންގެ ހިއްސާއާއި ދައުރު އަދިވެސް ކުޑަކަން ފާހަގަކުރައްވަމުން ނާއިބުރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ބޭނުންތައް ތަފާތުވެ ދުޅަހެޔޮ ދިރިއުޅުމެއް ވޭތުކުރުމައްޓަކައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްވަރަކަށް ބޭނުންވާކަން މިއަދު ކޮންމެ އާއިލާއަކަށްވެސް ތަޖުރިބާކުރެވެމުންދާކަމަށެވެ. މިއާއެކު ޒަމާނުއްސުރެ އަންހެނުންނާއި ފިރިހެނުން އަދާކުރަމުންއައި ދައުރުތަކަށް ބަދަލު ގެންނަން ޖެހިފައިވާކަމަށާ، މިބަދަލު ގެނެވޭނީ މިކަންކަމާމެދު ވިސްނާ ވިސްނުން ބަދަލުކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި އަންހެނުންނަށް ތައުލީމީ ރޮނގުން އެންމެ މަތީ ހަރުފަތާއި ހަމައަށް ވާސިލުވުމުގެ ފުރުޞަތު ރާއްޖޭގައި ލިބިދެވިފައިވާކަން ދިވެހި އަންހެން ދަރިވަރުން ހޯދަމުންއަންނަ ރަން ވަނަތަކުންވެސް ހާމަވާކަމަށާއި، ސަރުކާރުގެ އަމާޒްތަކާއެއްގޮތަށް އަންހެން ދަރިންގެ ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ މުޅި ޤައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓެއްކަމަށެވެ. މިކަމުގެ ހެޔޮ ބަދަލު ވަޒީފާގެ މާހައުލުންނާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ނަޒަރުހިންގާލުމުން ފެނިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ މަސައްކަތްތަކުގައި އަންހެނުން ހަރަކާތްތެރި ކުރުވުމަށް ސަރުކާރުން ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށާފައިވާކަމަށާއި، އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަންހެނުންނަށް ޚާއްސަ ލޯންސްކީމްތަކެއް ތަޢާރަފްކުރެވި ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ހަރަކާތްތެރިވުމުގެ ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެވިފައިވާކަން ނާއިބްރައީސް ފާހަގަކުރެއްވިއެވެ. އަދި މިފުރުޞަރުގެ ބޭނުން ވީހާވެސް ގިނަ އަންހެން ކަނބަލުން ހިފުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ކަންކަމާމެދު ގޮތް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދީގެން ނަތިީޖާތަކެއް ނެރުމައްޓަކައި ކުރައްވާ މަސައްކަތްތައް ކާމިޔާބުކަން ފާހަގަކުރައްވަމުން ނާއިބުރައީސް ވަނީ ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ފަހި ފުރުޞަތުތަކެއް ޤާއިމްކޮށްދީ ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުން ހަމަހަމަކުރުމަށް ވަޒީފާދޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.