ސްރީލަންކާގެ ކެންޑީގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ. ލަންކާގެ ކެންޑީގައި 140 އެއްހާ ދިވެހިން ދިރިއުޅެމުންދާއިރު އޭގެ ތެރެއިން ނަންބަރުތައް ލިބިފައިވާ އެންމެނާ ގުޅާ ހާލު ބަލަމުން ގެންދާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ލަންކާއަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅުމުންދާ އެއް ޤައުމެވެ. އަދި ވިޔަފާރީއާއި ބޭސްފަރުވާގެ އިތުރުން ޗުއްޓީއަށްވެސް ގިނަ އަދަދެއް ގެ ދިވެހިން ދަނީ ލަންކާއަށް ދަތުރުކުރަމުންނެވެ. އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މުސްލިމުންގެ ނިސްބަތަކީ، އާބާދީގެ ދިހައެއް އިންސައްތަ އަދި ބުޑިސްޓުންގެ ނިސްބަތަކީ ހަތްދިހަ އިންސައްތައެވެ.ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރީ އެ ޤައުމުގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ ކެންޑީގައި ހައްދުފަހަނަޅާފައިވާ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ހަރުކަށި ޢަމަލުތައް އިތުރުވެ އެ ހަމަނުޖެހުންތައް އެހެން ސަރަހައްދުތަކަށް ފެތުރިދާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައެވެ.ކެންޑީގައި ބުޑިސްޓުން މުސްލިމުންނަށް ޙަމަލާދޭން ފަށާފައިވަނީ މިދިޔަ ހަފުތާގެ ބަންދުތެރޭގައެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން ކެންޑީގައި ކާފިއު އިއުލާންކޮށް އެހެން ސަރަހައްދުތަކުން އެސިޓީއަށް ނުވަދެވޭގޮތަށް ވަނީ ހަދާފައެވެ. އަދި ކެންޑީގެ މަގުތައްމަތީ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބުޑިސްޓުން އެންމެ ފުރަތަމަ ޙަމަލާދިނީ މުސްލިމުންގެ މިސްކިތްތަކަށެވެ. މި ގޮތުން ބައެއް މިސްކިތްތަކަށް ބޮޑެތި ގެއްލުންތަކެއްދީ ބައެއް މިސްކިތްތަކުގައިވަނީ ހުޅުޖަހާފައެވެ. އެއަށްފަހު މުސްލިމުންގެ ބައެއް ފިހާރަތަކަށްވެސް ހަމަލާދީ އަނެއްބައި ފިހާރަތަކުގައި ބުޑިސްޓުން ހުޅުޖަހާފައިވެސްވެއެވެ. 10000 އެއްހާ ދިވެހިން އެކި ބޭނުންތަކުގައި އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާއިރު މީގެ ތެރެއިން މަދުން ނަމަވެސް ކެންޑީގައި ދިވެހިން ދިރިއުޅެމުންދެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ ލަންކާގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ ކެންޑީގައިކަމަށެވެ. ސަފީރު ވިދާޅުވީ ކެނޑީގައި 140 އެއްހާ ދިވެހިން ދިރިއުޅެމުންދާކަމަށާއި، އޭގެ ތެރެއިން އެންބަސީއަށް ލިބިފައިވާ ނަންބަރުތަކަށް ގުޅާ އެންމެންގެ ހާލުބަލާފައިވާކަމަށެވެ. އަދި މިހާތަނަށް ގުޅުނު އެންމެންވެސް ތިބީ ހެޔޮ ހާލުގައި ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ކެންޑީގައި ހިންގަމުންދަނީ މުސްލިމުންނާއި ދެކޮޅަށް ބުޑިސްޓުން ހިންގަމުން ގެންދާ ހަމަނުޖެހުންމެއްކަމަށްވާއިރު ދިވެހިންނަކީ މުސްލިމުންކަމަށްވާތީ ގެއިން ބޭރަށް ނުކުތުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށެވެ. އަދި ކޮންމެހެން ނުކުންނަށް ޖެހިގެން ނޫނީ ގެއިން ބޭރަށް ދިވެހިން ނުނިކުތުމަށްވެސް ސަފީރު އިލްތިމާސްކުރެއްވިއެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް ލަންކާ ސަރުކާރުން ގެންދަނނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ ހަމަނުޖެހުންތައް ބޮޑުވަމުންދާތީ ތިންދުވަސް ވަންދެން ސޯޝަަލް މީޑިއާގެ ވަސީލަތްތަކުގެ ހިދުމަތްވަނީ ކަނޑާލާފައެވެ. މީގެ އިތުރުން އިންޓަރނެޓްގެ ސްޕީޑްވެސް ބައެއް ސަރަހައްދުތަކުގައި ވަނީ ދަށްކޮށްފައެވެ. ލަންކާ ސަރުކާރުގެ މި ފިޔަވަޅޫތަކުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހިންނާއި މުއާމަލާތުކުރުމުގައި މިވަގުތު ދަތިތަކާއި ކުރިމަތިވެދާނެކަމަށް ސަފިރު ވިދާޅުވިއެވެ. އަދި އެހެންކަމުން ދިވެހިންނާއި މިވަގުތު އެންމެ ފަސޭހައިން މުއާމަލާތުކުރެވޭނީ މޮބައިލް ފޯންގެ މެދުވެރިކޮށްކަމަށްވާތީ އެކަމަށް ސަމާލުވުމަށްވެސް މުހައްމަދު ހުސެއިން ޝަރީފު އެދިވަޑައިގެންނެވިއެވެ.
ސަފީރު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ މުޅި ލަންކާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވީނަމަވެސް ކޮލަމްބޯގައި މިކަމާއި ގުޅިގެން އިތުރު މައްސަލަތަކެއް ކުރިމަތި ނުވާކަމަށެވެ. އެެހެންކަމުން ކޮލަމްބޯގައި ދިރިއުޅޭ ދިވެހިން އާންމު ދިރިއުޅުމުގެ ކަންކަމުގައި އުޅުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތްކަމަށެވެ. ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއަށް ނުވަދެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް ސަފީރު ވިދާޅުވީ އެއީ ހަޤީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. ކޮންމެ ގަޑިއެއްގައިވެސް ދިވެހިންނަށް ދިވެހި އެންބަސީ ހުޅުވާލާފައިވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.