ޚަބަރު

"ފިކުރީ މިނިވަންކަމާ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭ"


އިސްލާމީ އުއްމަތް ކުރިއަށްގެންދިއުމަށްޓަކާ އަޅުގަނޑުމެންގެ ފިކުރީ މިނިވަންކަމާއި އެއްބައިވަންތަކަން ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި، "އިސްލާމްދީނުގައި އެއްބައިވަންތަކަމަށްދޭ އަހަންމިއްޔަތު" މި މަޢުޟޫއާއި ގުޅޭގޮތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޙާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި މި މައުޟޫޢުގެ ދަށުން މައިގަނޑު 3 އަސާސެއްގެ މައްޗަށް އަލިއަޅުވާލައްވާ ޑރ. ޝަހީމް ވާހަކަދައްކެވިއެވެ. އެގޮތުން ޤައުމުގެ އެއްބައިވަންތަކަމާއި ޢަދުލުވެރިކަމުގެ ހަމަތައް ޤާއިމުކުރުމާއި ފިކުރީ އެއްބައިވަންތަކަމާއި އަޙްލާޤިއްޔަތު ދެމެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް ޑރ. ޝަހީމް އަލިއަޅުއްވާލެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިރާޤު ފަދަ ދުނިޔޭގެ އިސްލާމީ އުއްމަތުގެ ބޮޑެތި ޙަޟާރާތްތައް ފުޑުފުޑުވެ އެތައް ސަތޭކަ އަހަރެއް ފަހަތަށް ޖެހުމުގެ މައިގަނޑު އަސްލަކީ އެޤައުމުތަކުގެ ރައްޔިތުންގެ ކިބައިން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލިގެން ދިއުން ކަމަށެވެ. އަދި އިސްލާމްދީން އަޅުގަނޑުމެންގެ މައްޗަށް އެންމެ ބޮޑަށް ބާރު އަޅާ އެއްކަމަކީ އެއްބައިވަންތަކަންމަތީ ދެމިތިބުމަށް ކަމަށާއި، މުޖުތަމަޢުގެ ކުރިއެރުމާއި މުސްތަޤްބަލު ގުޅިފައިވަނީ އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވެދިނުމުގެ މައްޗައްކަން ޑރ. މުޙައްމަދު ޝަހީމް ފާހަގަކުރެއްވިއެވެ.



"މިއަދު ދުނިޔޭގެ ކަންކޮޅުތަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު، ހާއްސަކޮށް އިސްލާމީ އުއްމަތުގެ ބިންތަކުން އިވެމުންދަނީ ރުއިމާއި ކެކުޅުމުގެ އަޑު. އެތަންތަނުގެ ބިން ވަނީ ލެއިން ތަތްތެޅިފައި. ފުރާތު ކޯރު ވަނީ ލެއަށް ބަދަލުވެފައި. އެއީ ކީއްވެގެންތޯ؟ ޤައުމުގެތަކުގެ ސަފުތައް ރޫޅި، އެޤައުމުތަކުގައި ދާޙިލީ ހަމަނުޖެހުންތައް އުފެދި، ޤައުމުތަކުގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކޮށް، ތަންތަން ސުންނާފަތިކޮށް އަދި ނުވިތާކަށް ތިންވަނަ ބާރުތަކުން އެ ޤައުމުތަކުގެ ތެރެއަށްވަދެ، ޤައުމުގެ ޙަޒާނާތައް ލޫޓުވާއި، އެ ޤައުމުތައް ބިކަކުރުމުން" ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.ޑރ. ޝަހީމް ވިދާޅުވީ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަމިއްލަ ނަފްސަށާއި، ޤައުމަށް ވަފާތެރި މީހަކަށް ވެގެން މެނުވީ ޢަދުލު އިންސާފާ ސުލްޙަ މަސަލަސްކަން ޤާއިމުނުކުރެވޭނެކަމަށެވެ. އަދި އިސްލާމީ ތާރީޚު އެކަމަށް ހެކިދޭ ކަމަށާއި މާތްވެގެންވާ އިސްލާމްދީނުގައިވެސް އުގަންނައިދޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށްދިނުންކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އިސްލާމްދީނުގައި މިނިވަންކަން ވަކި މިންތަކަކާއި ހަމަތަކެއްގައި ހިފަހައްޓާފައިވާއިރު، ކޮންމެކަމަކީ މިނިވަންކަން އޮންނަންޖެހޭނެ ކަމެއް ނޫންކަމަށާއި އިސްލާމްދީނުގައި އެކަމުގެ އަޙްލާޤިއްޔާތު ދައްކުވައިދީފައިވާކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.