ޚަބަރު

"ޤައުމިއްޔަތުގެ ވިންދުޖަހާނަމަ ޤައުމު ހަލާކެއް ނުކުރާނެ"


އަޅުގަނޑުމެންގެ ހިތްތަކުގައި ކިރިޔާވެސް ޤައުމިއްޔަތުކަމުގެ ވިންދު ޖަހާނަމަ، މިޤައުމު ފަސާދައާއި ހަލާކުގެ ތެރެއަށް ވައްޓާލުމަށް އެއްވެސް ދިވެއްސަކު މަސައްކަތް ނުކުރާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދިވެހިންނަކީ މުއްސަނދި ސަޤާފަތަކާއި ފަޚުރުވެރި ތާރީޚެއް އޮތް ބައެއްކަމަށެވެ. އަދި ބައެއް ޤައުމުތަކުން ރާއްޖެއާމެދު ހަސަދަވެރިވާ މައިގަނޑު ސަބަބަކީ ދިވެހިންނަކީ އެއް މަޒްހަބަކަށް ތަބާވާ، އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއް ކަމަށްވާތީ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ތޮޅެން އެތެރެއިންނާއި ބޭރުން ކުރާ މަސައްކަތްތަކާމެދު ކޮންމެ ދިވެހިރައްޔިތަކުވެސް މިއަދު ވިސްނާ ފިކުރުކޮށް ގޮތެއް ނިންމަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު މިނިވަންކަންމަތީ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިނީ ޤައުމުގެ އެއްބައިވަންތަކަން ނަގާލާ ބޭރުގެ ފަރާތްތަކަށް ޤައުމު ވިއްކާލައިގެން ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ ޤައުމިއްޔަތުކަމުގެ ވިންދު އަޅުގަނޑުމެންގެ ހިތްތަކުގައި ޖަހާނަމަ ކޮންމެ ރައްޔިތަކުވެސް އެންމެ ފުރަތަމަ އިސްކުރާނީ ޤައުމީ މަސްލަޙަތުކަމަށެވެ.

"ޤައުމުދެކެ ލޯބިވާ ބަޔަކު، ޤައުމިއްޔަތުގެ ބަހާތައް ނަގާލައި، މި ޤައުމު އަޅުގަނޑުމެންގެ ކުރިމަތިން ދުނިޔެ ދައްކަމުންދާ ހަޤީޤަތާއި އެއްގޮތަށް އަޅުވެތިކުރުވާކަށް ގޮވައެއް ނުލާނެ. މިފަދަ މީހުންގެ އަވައިގައިޖެހި، އެމީހުންގެ ބަހަށް ހެއްލޭފަދަ ބަޔަކުކަމުގައި އަޅުގަނޑުމެން ދިވެހިންނެއް ނުވާނެ. ޤައުމިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ހުރި މީހަކު، ހުރި ބަޔަކު އަމިއްލަ ފައިދާއަށްޓަކާ ޤައުމުގެ އަގުވައްޓާލާ، ޤައުމުގެ އިޤްތިޞާދަށް ލޮޅުން އަރާފަދަ ކަންކަމެއް ނުކުރާނެ. ޤައުމުގެ ރީތިނަމާއި ސަޤާފަތް ބޭރު މީހުންގެ ކައިރީގައި ވެއްޔާ މޮޑެލާކަށް މަސައްކަތެއް ނުކުރާނެ" އަޒްލީން އަހުމަދު ވިދާޅުވިއެވެ.ހޯމް މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް މިޤައުމު ގެނެސްދީފައިވަނީ އަމިއްލަ މަންފާއެއް ހޯދުމުގެ މަޤްޞަދުގައި ޤައުމުގެ މިނިވަންކަން އެހެން ބަޔަކާ ޙަވާލުކުރުމަށް ނޫންކަން ފާހަގަކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް ދިވެހި ޤައުމު މި މިނިވަންކަމަތީ އަމާނާތްތެރިކަމާއެކު ގެންގޮސްދިނުމަކީ އެންމެންގެ މައްޗަށް އޮތް ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، މީގެ 400 އަހަރު ކުރިން ދިވެހި ޤައުމު ދެކެފައިވާ ޤައުމީ ބަތޮލެއްކަމުގައިވާ އަދި ސިފައިންގެ މަރުކަޒު ކަޅުތުއްކަލާކޮށީގެ ނަން އެބޭފުޅަކަށް ނިސްބަތްވާ، ކޮލި ނަންފުޅެއްކަމުގައިވާ މުޙައްމަދު ޢިމާދުއްދީން 1 ވަނަ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑުރަސްގެފާނުގެ ހަޔާތްޕުޅާ އެމަނިކުފާނު ކުރެއްވި ޤައުމީ ޚިދުމަތާއި ބެހޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

ހަމައެހެންމެ ޤައުމިއްޔަތުގެ ބަހާތައް ރައްކާތެރިކުރުމާއި ޤައުމަށް ޚިދުމަތް ކުރުމުގެ މުހިއްމު ކަމާބެހޭގޮތުން އިސްކަންދަރު ސްކޫލްގެ ދަރިވަރަކު ވާހަކަދެއްކިއެވެ. އަދި ޤައުމިއްޔަތަށް ނޭދެވޭ އަސަރުކުރާ ސަބަބުތަކާއި އެކަމުގެ ހައްލާބެހޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރަކު ވާހަކަދެއްކިއިރު، "އިސްލާމްދީނުގައި އެއްބައިވަންތަކަމަށްދޭ އަހަންމިއްޔަތު" މި މައުޟޫއަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޙާއްޞަ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މީގެ އިތުރުން، ދިވެހިބަހުގެ މުހިއްމުކަމާއި ބަހުގެ މުއްސަނދިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙާއްޞަ ޅެން ބަހުސެއް އެއްވެސް ހުށައަޅައިދިނެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަނީ، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި ސިފަތަކާއި ދީނީ ރޫޙާއި ޤައުމިއްޔަތުގެ ރޫޙު ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ކެމްޕެއިން ކަމުގައިވާ "ތަރިކަ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރި ދުވަހާއި ގުޅުވައިގެންނެވެ. އެގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 6 ވަނަ ދުވަހަކީ "ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް" ކަމުގައި ފާހަގަކުރުމަށް ނިންމާ، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި ދިވެހިންގެ އިޖްތިމާޢީ ގުޅުމުގެ ބަދަހިކަން ކިޔަވާކުދިންނާއި ޒުވާނުންނަށް އުނގަންނައިދިނުމެވެ.