ޚަބަރު

ކުޅުދުއްފުއްޓާއި ދުވާފަރުގެ ބޮޓްލިންގް ޕްލާންޓް ދެމަސްތެރޭ ނިމޭނެ


ހދ. ކުޅުދުއްފުއްޓާއި ރ. ދުވާފަރުގައި ޤާއިމުކުރާ ފެންބަދުކުރާ ކާރުޚާނާގެ މަސައްކަތް ދެމަސްދުވަހުގެތެރޭގައި ނިންމައި ޚިދުމަތްދޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. އެގޮތުން ރ. ދުވާފަރުގައި ތަރައްޤީކުރާ ފެންބަންދުކުރާ ކާރުޚާނާގެ އިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. ދުވާފަރުގައި ޤާއިމުކުރާ ޕްލާންޓުން ގަޑިއަކު 6000 ފުޅި ފެން ބަންދުކުރުރެވޭނެއެވެ. އެމްޑަބްލިއުއެސްސީއިން މިހާރު ގެންދަނީ ދުވާފަރު ޕްލާންޓްގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ އެތެރެ ފަރުމާކުރުމާއި ވަށާފާރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ދުވާފަރުގައި ޤާއިމުކުރާ ފެންޕްލާންޓަކީ 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ދެމަސްތެރޭގައި ކުޅުދުއްފުއްޓާއި ދުވާފަރުގައި އަޅާ ބޮޓްލިންގ ޕްލާންޓުން ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށާނެކަމަށް. އަދި މިފަދަ ޕްލާންޓްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ އަގުހެޔޮކޮށް ބަންދުކުރި ފެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުންކަށެވެ. އެގޮތުން ޕްލާންޓްތައް ޑީސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރަށްރަށަށް މާލެއިން ފެން އުފުލުމަށް ޚަރަދުކުރާ ނާލު އެތަށް ގުނައަކަށް ކުޑަވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް ފަހިވެގެންދާނެކަަން ފަޒުލް ފާހަގަކުރެއްވިއެވެ.

"ދުވާފަރާއި ކުޅުދުއްފުށި ބޮޓްލިންޕްލާންޓްގެ މަސައްކަތް ނިންމައި ދެމަސްތެރޭ ޚިދުމަތް ފަށާނެ. އަދި އެއާއެކު ރަށްރަށަށް ފެން ފޯރުކޮށްދިނުމަށް ޑިސްޓްރިބިއުޝަން ނެޓްވަރކެއްވެސް ޤާއިމުކުރާނަން. މި ޕްލާންޓްތަކުގެ ސަބަބުން ފެން ގަންނަން ލިބޭ އަގާއި ނާލުހެޔޮވެ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ." އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވިއެވެ.



އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުނި އައިލެންޓް ބެވަރޭޖަރސް މޯލްޑިވްސް އިން ކުޅުދުއްފުށީގައި އަޅާ ބޮޓްލިންގ ޕްލާންޓަކީ ގަޑިއަކު ދިހަހާސް ފުޅީގައި ފެން ބަންދުކުރެވޭ ޕްލާންޓެކެވެ. އެމްޑަބްލިއުއެސްސީން މަޢުލޫމާތުދޭ ގޮތުގައި މި ޕްލާންޓުން 330އެމްއެލްއާއި 1.5 އެމްއެލްއާއި 500 އެމްއެލްގެ ފުޅީގައި ފެން ބަންދުކުރުމަށް ހަމަޖެހިފަައިވެއެވެ.