ޚަބަރު

ހިރިލަންދޫ އައިސްޕްލާންޓުން ޚިދުމަތް ދޭން ފަށައިފި


ތ.ހިރިލަންދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށައިފިއެވެ. 

ހިރިލަންދޫގައި ބެހެއްޓި އައިސްޕްލާންޓުން ދުވާލަކު ފަންސަވީސްޓަނުގެ އައިސް އުފެއްދޭނެކަމަށް މި ޕްލާންޓް ހިންގާ މިފްކޯއިން ބުނެއެވެ. ދައުލަތުގެ ބަޖެޓުން ތިން މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމްކުރި މި އައިސްޕްލާންޓްގެ ސަބަބުން އެސަރަހައްދުގެ މަސްވެރިންނަށް ތާޒާކަމާއެކު މަސް ކިރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން އެރަށުގައި އައިސްޕްލާންޓް ހަދާފައިވަނީ މިފްކޯއާ ހަވާލު ކޮށްގެންނެވެ. މި އައިސްލާންޓްގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. 

ކޮޅުމަޑުލު ހިރިލަންދުއަކީ ތ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ މަސްވެރި ރަށެވެ. އެރަށުގައި 9 މަސްދޯނި އޮންނައިރު ހިރިލަންދޫ ފާހަގަ ކުރެވެނީ ފުޅާދާއިރާއެއްގައި ހިކިމަސް އުފައްދާ ރަށެއްގެ ގޮތުގައެވެ. މީގެއިތުރުން ހިރިލަންދު ހިމެނޭ ސަރަހައްދަކީ ބޮޑުކަންނެލީގެ މަސްވެރިކަން ރަނގަޅު ސަރަހައްދަކަށްވާތީ މި އައިސްޕްލާންޓްގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ފައިދާވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.