ޚަބަރު

މިނިވަންކަމުގައި އެންމެ މުހިއްމު އަސާސްއަކީ ޤައުމިއްޔަތު


ކޮންމެ ޤައުމެއްގެވެސް މިނިވަންކަމުގައި އެންމެ މުހިއްމު އަސާސްއަކީ ޤައުމިއްޔަތުކަމަށާއި، ޤައުމިއްޔަތު ނިކަމެތިވެއްޖެނަމަ އެ ޤައުމެއް ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރާއިރު، ޤައުމިއްޔަތުގެ ހަޤީޤީ މަސްދަރާއި، ޤައުމިއްޔަތުގެ އަސާސްތަކާއި، ސިފަތަކާމެދު ކޮންމެ ދިވެހިރައްޔިތަކުމެ ވިސްނާ، ފިކުރުކުރުން މުހިއްމުކަމަށެވެ. އަދި ބަވަނަވެފައިވާ މިފަދަ ދުނިޔެއެއްގައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި، މިނިވަންކަން ދެމެހެއްޓުމުގައި ޤައުމިއްޔަތުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި އެންމެ ބޮޑަށް ގުޅި ލާމެހިފައިވަނީ ޤައުމިއްޔަތާއިކަމުން ވަތަންގެ ލޯބި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އޮތުން މުހިއްމުކަމަށެވެ. އަދި ރާއްޖެއަށް އެކަނި ބަލާލުމުންވެސް، ދީނީގޮތުންނާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް އިތުރުވުންފަދަ ޤައުމިއްޔަތަށް ނުރައްކާވާފަދަ ސިފަތައް ފެންނަމުންދާކަމަށާއި މިއީ ދިވެހިން މިއަދު ވިސްނާ ފިކުރުކުރުން މުހިއްމުކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15203629764577.JPG|ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ތޮޅެން އެތެރެއިންނާއި، ބޭރުން ކުރާ މަސައްކަތްތަކާމެދު ކޮންމެ ދިވެހިރައްޔިތަކުވެސް މިއަދު ވިސްނާ ފިކުރުކޮށް ގޮތެއް ނިންމަންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު މިނިވަންކަންމަތީ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިނީ ޤައުމުގެ އެއްބައިވަންތަކަން ނަގާލައި ބޭރުގެ ފަރާތްތަކަށް ގައުމު ވިއްކާލައިގެން ނޫންކަމަށެވެ. އަދި ޤައުމިއްޔަތުގެ ވިންދު ޖަހާނަމަ ކޮންމެ ރައްޔިތަކުވެސް އެންމެ ފުރަތަމަ އިސްކުރާނީ ޤައުމީ މަސްލަޙަތުކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15203630055996.JPG|ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ ޕީއެސްއެމް

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރުމަށް ނިންމާ، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި ސިފަތަކާއި، ދީނީ ރޫޙާއި، ޤައުމިއްޔަތުގެ ރޫޙު ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ކެމްޕެއިން ކަމުގައިވާ "ތަރިކަ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރި ދުވަހާއި ގުޅުވައިގެންނެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި، ދިވެހިންގެ އިޖްތިމާޢީ ގުޅުމުގެ ބަދަހިކަން ދިވެހި ކިޔަވާކުދިންނާއި، ޒުވާނުންނަށް އުނގަންނައިދިނުމެވެ. އަދި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި، އިސްލާމީ ތާރީޚާއި ޘަޤާފަތުން ޒުވާންޖީލަށް ފިލާވަޅު ލިބިގަނެވޭގޮތްތަށް އަންގައިދިނުމާއި، ދިވެހި ޤައުމު ދުއް ޤައުމީ ބަޠަލުންގެ ފިލާވަޅުތައް ޒުވާންޖީލަށް އުނގަންނައިދިނުމެވެ. މީގެ އިތުރުން ޤައުމީ އަދި އިޖްތިމާއީ ކަންކަމުގައި ދަރިވަރުންނާއި، ޒުވާނުން އިތުރަށް ވިސްނައި ފިކުރު ހިންގުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.