ޚަބަރު

ދިވެހިންނެކޭ އެއްފަދައިން ބިދޭސީންގެ ސަލާމަތަށް ބެލުން މުހިއްމު


ދިވެހިންނެކޭ އެއްފަދައިން ބިދޭސީންވެސް ގޯތިގެދޮރުގައި ދިރިއުޅޭއިރު ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ހުރުން މުހިއްމު ކަމަށާއި، އެކި ބޭނުންތަކުގައި ބިދޭސީން ގޭގޭގައި ގެންގުޅޭ ފަރާތްތަކުން މިކަންކަމަށް ސަމާލުވާންޖެހޭކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ މ. ސިތާރާގޭގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޙާއްޞަ އިންޓަރވިއުއެއްގަ އެވެ.

މ. ސިތާރާގޭގައި އަލިފާނުގެ ޙާދިސާއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުންނާއި ސިފައިން އެ ސަރަޙައްދަށްގޮސް އާއްމުންނާއި ގުޅިގެން އަލިފާންގަނޑު ވަނީ ނިންވާލާފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްގެ މަސައްކަތުން އަލިފާންގަނޑު ބޮޑަށް ފެތުރުނަނުދީ ކޮންޓްރޯލްކޮށް، ނިއްވާލުމުގެ ސަބަބުން މި ޙާދިސާގައި ލިބުނު ގެއްލުންތައް އެތައް ގުނައެއް ކުޑަކުރެވިގެންދިޔަކަން ސަލާމަތީ ބާރުތަކުންވަނީ ފާހަގަކޮށްފައެވެ. އަދި މި ޙާދިސާ އިތުރަށް ތަހުޤީޤުކޮށް އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކާ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ. އަލިފާނުގެ ޙާދިސާ ހިނގާފައިވާ ގެއަކީ ބިދޭސީން ދިރިއުޅެމުންދާ ގެއެކެވެ. މި ހާދިސާފައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ހާލު ބޮޑުވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިރޭ ވަނީ މަރުވެފައެވެ. 

މި ޙާދިސާ ހިނގި ސަރަޙައްދަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވަނީ ޒިޔާރާތްކުރައްވާ ލިބުނު ގެއްލުންތައް ބައްލަވާލައްވާފައެވެ. ހަމައެހެންމެ އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް އާއްމުންގެ އިތުރުން އަލިފާން ނިއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއިވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ މުދަލާއި ގޯތިގެދޮރު ހިމާޔަތް ކޮށްދިނުމަށްޓަކާ ދިވެހި ސިފައިންނާއި ފުލުހުން 24 ގަޑިއިރު ތައްޔާރަށް ތިބިކަން މިފަދަ ކޮންމެ ޙާދިސާއަކުންވެސް ހާމަވެގެންދާ ކަމަށެވެ. އަދި އާއްމުންވެސް މިފަދަ ކޮންމެ ޙާދިސާއެއް ކުރިމަތިވެދާނެކަމަށް އަބަދުމެ ތައްޔާރީ ހާލަތުގައި ތިބުން މުހިއްމު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ބިދޭސީން ދިރިއުޅޭ ތަންތަނުގައި ފަހަކަށް އައިސް އަލިފާނުގެ ޙާދިސާތައް ހިނގާލެއް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދިވެހިންނެކޭ އެއްފަދައިން، ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށެވެ. އެގޮތުން ބިދޭސީން ގެންގުޅޭ ތަންތަނުގައިވެސް ގޭސް އުނދުނާއި، ފަސޭހައިން އަލިފާން ހިފާ ޒާތުގެ އެއްޗެހި ގެއްގުޅުމުގައި އިތުރަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީގޮތުގެ މަޢުލޫމާތު ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ދިނުން މުހިއްމު ކަމަށާއި، ދަޢުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ މަސައްކަތް ކުރައްވާނެކަމަށެވެ. ވަކިން ޙާއްސަކޮށް، މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި ދިރިއުޅޭއިރު، މިފަދަ ކޮންމެ ޙާދިސާއަކީ މާލީގޮތުންނާއި އިޖްތިމާޢީގޮތުންވެސް މުޖުތަމަޢުއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ ހާދިސާތަކެއްކަމުން، މިފަދަ ކަންކަން ހިނގުން މަދުކުރުމަށްޓަކާ އެންމެ އެކުގައި މަސައްކަތް ކުރުން މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މ. ސިތާރާގޭގައި އަލިފާން ރޯވެފައިވަނީ އެގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެންނެވެ. އަދި މި އަލިފާނުގެ އަސަރު ގޭގެ ދެވަނަ ފަންގިފިލާއަށްވެސް ކޮށްފައިވެއެވެ. މި ހާދިސާގައި މި ގެއަށް ލިބުނު ގެއްލުންތައް ދަޢުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ.