ދުނިޔެ

ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާތަކަށް ހުއްޓުމެއް ނެތް!


ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާ އިންސާނީ ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް އދން ބުނެފިއެވެ.

އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނަރަލް ފޮރ ހިއުމަން ރައިޓްސް، އެންޑްރޫ ގިލްމޯ ވިދާޅުވީ މީގެ ހައެއްކަ މަސް ކުރިން ރޮހިންޔާ މުސްލިމުންނަށް ދެމުންދިޔަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް މިހާރު އެހެން ހަރުފަތަކަށް ގޮންގޮސްފައިވާކަމަށެވެ. އެގޮތުން މިހާރު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދަނީ ބިރުދެއްކުމާއި ބަނޑަށް ޖެއްސުމުގެ ޖަރީމާތަކެއްކަމަށް އެންޑްރޫ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15203411337154.jpg|ރޮހިންޔާ މުސްލިމުން ދިރިއުޅޭ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއް / ގިނަ އަދަދެއްގެ ބަޔަކު މިކޭމްޕްތަކުގައި ދިރިއުޅޭ

އެންޑްރޫ ވިދާޅުވި ގޮތުގައި ރޮހިންޔާ މުސްލިމުން އެނބުރި މިޔަންމާއަށް އައުމަށް އެޤައުމުގެ ސަރުކާރުން ބުނަމުންދިޔަ ނަމަވެސް މިޔަންމާ ސަރުކާރުގެ އަމަލުތައް ހުރީ މުޅިން ތަފާތުކޮށްކަމަށެވެ. އެގޮތުން މިޔަންމާގެ ރާކިން ސްޓޭޓްގައި ތިބި ރޮހިންޔާ މުސްލިމުން އެތަނުން ފައްސާލުމަށް ކެނޑިނޭޅި މިޔަންމާ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނަރަލް ވިދާޅުވިއެވެ. އަދި ރޮހިންޔާ މުސްލިމުންނަށް މިޔަންމާގައި އެއްވެސް ބިރުވެރިކަމެއް ނެތި، އަމާންކަމާއެކު އުޅެވޭނެކަމަށް އެމީހުން އަދި ޤަބޫލުނުކުރާކަމަށް އެންޑްރޫ ވިދާޅުވިއެވެ.

މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރޭގައި މުސްލިމުންގެ ގެތަކުގައި ހުޅުޖެހުމާއި މީހުން މެރުމާއި އަންހެންކުދިން ރޭޕް ކުރުން ހިމެނެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުން މިކަން ސިފަކުރަމުންދަނީ، ރޮހިންޔާ މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.

img:http://s4.psmnews.mv/images/660x400/15203411653994.jpg|ރޮހިންޔާ މުސްލިމުންތަކެއް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި / ގިނަ އަދަދެއްގެ ބަޔަކު މިކޭމްޕްތަކުގައި ދިރިއުޅޭ

މިޔަންމާ ސަރުކާރާއި އެޤައުމުގެ އަސްކަރިއްޔާއިން ރާކިން ސްޓޭޓްގައި އުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާ އިންސާނީ ޖަރީމާތަކާ ގުޅިގެން 700،000 އަށްވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. ބަންގްލަދޭޝްގައިވެސް އެމީހުންނަށް ކުރިމަތިލާންޖެހިފައިވަނީ ހިތްދަތި، އުނދަގޫ ކަންތައްތަކެވެ. ބޯކޮށް ވާރެވެހި، ކިސަޑު ހެދިފައިވާ ސަރަޙައްދުތަކުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކުގައި އެމީހުން އުޅެމުންދަނީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބި، ބަލި މަޑުކަމާއެކުއެވެ.