މުނިފޫހިފިލުވުން

ދިވެހި ފިލްމު "ވަކިން ލޯބިން" ރިލީޒް ކޮށްފި


ދިވެހި ފިލްމު "ވަކިން ލޯބިން" ގެ ފުރަތަމަ ޝޯވްވެސް ހައުސްފުލް ކަމަށް ޑާކް ރެއިން އެންޓަރޓައިންމެންޓުން ބުނެފިއެވެ.

އަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ލޯބިން ކައިވެނިކޮށްގެން އުޅުނު ދެ މީހެއްގެ ކައިވެނި ރޫޅުމުން ދަރިފުޅަށް ކުރާ އަސަރު ދައްކައިދޭ ފިލްމެކެވެ. މި ފިލްމު ބިނާ ކޮށްފައިވަނީ އާއިލާއެއްގެ ތެރޭގައި ދިމާވާ ހާދިސާތަކުގެ މައްޗަށް ކަމަށް ޑާކް ރެއިނުން ބުނެއެވެ. އަދި މި ފިލްމް ކޮންމެ މީހެއްގެ ދިރިއުޅުމާވެސް ކޮންމެވެސް ގޮތަކަށް ގުޅޭނެކަމަށް ޑާކް ރެއިނުން ބުނެއެވެ.

ފިލްމުގެ ޑައިރެކްޓަރ އަލީ ޝިފާޢު ބުނީ މި ފިލްމަށް ފުރަތަމަ ރެއިންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިކަމަށާއި މި ފިލްމު ގިނަ ބަޔަކަށް ކަމުދިޔައީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުމާ މި ފިލްމު ގުޅިގެންދާތީ ކަމަށެވެ.

''ބެލުންތެރިން ވަރަށް ޕޮޒިޓިވް. މިއީ މިފަހުން ހެދި ފިލްމުތަކާ ތަފާތު ފިލްމެއް. ވަރަށް ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވުމުން، މި ފިލްމު ބެލުންތެރިންނާ ގުޅިގެން މި ދިޔައީ.'' ޢަލީ ޝިފާޢު ބުންނެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ ޑާކް ރެއިންގެ ފިލްމުތަކުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި ޚަދީޖާ އިބްރާހިމާއި ނުޒުހަތު ޝުއައިބާއި އާދަމް ރިޒްވީއާއި އަހުމަދު ސުނީގެ އިތުރުން ޕީއެސްއެމުން ކުރިއަށްގެންދިޔަ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި އިބްރާހިމް އަމަން ވެސް ފެނިގެންދެއެވެ. މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުގެ މި އަހަރު ނެރުނު ފުރަތަމަ ފިލްމެވެ.