ޚަބަރު

ރިޔާސީ އިންތިޚާބަށް ދުނިޔޭގެ ސަމާލުކަން ލިބޭނެ- ރިޔާޒް ރަޝީދު


ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެގެންދާނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެ އިންތިޚާބަކަށް ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، ރާއްޖޭގައި އޮންނަ އިންތިހާބުތައް މިނިވަންކަމާއެކު ކުރިއަށްގެންދިއުމުގެ އަމާނާތް ހަވާލުވެފައިވަނީ އިލެކްޝަން ކޮމިނަޝަނަށް ކަމަށެވެ.

އީސީގެ މެމްބަރުކަމަށް އަހުމަދު ޝަރީފް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، ޝަރީފަކީ އެމަނިކުފާނު ވަރަށް ގާތުން ދަންނަ ބޭފުޅެއް ކަމަށާއި ޝަރީފަކީ އީސީގެ މެމްބަރުކަމަށް ޤާބިލް ބޭފުޅެއް ކަމަށެވެ.

"މިއަދު ރާއްޖޭގައި ހިނގަމުންދާ ހަލަބޮލި ކަންތައްތަކުގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންތައްތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމުގެ ޤާބިލްކަން އީސީގެ މެމްބަރުންގެ ކިބައިގައި އެބަހުރި. އެފަރާތްތަކަކީ އިންތިހާބުތައް ބޭއްވުމުގައި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ރިޔާޒް ރަޝީދު ވަނީ މުއައްސަސާތަކުގެ ވެރިން ޤާނޫނުތަކާއި ޤާނޫނު އަސާސީގެ ތެރެއިން މަސްއޫލިއްޔަތުތައް އަދާކުރުމަށް ގޮވާލައްވާފައެވެ.