ޚަބަރު

އީސީގެ މެމްބަރުކަމަށް ޝަރީފް އައްޔަންކުރަން މަޖިލީހުން ރުހުންދީފި


އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އަޙްމަދު ޝަރީފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ ޖަލްސާގައި ޝަރީފްގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން ޝަރީފާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ.

ޝަރީފްގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާއަށް 77.3 މާކުސް ދީފައިވާއިރު، މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ޤާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ.

ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ޝަރީފް ވަނީ ކުރިން ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.