ޚަބަރު

ބޭރުގައި ދިވެހި ދިދައިގެ އަގު ވައްޓާލުން ބަލައެއް ނުގަނެވޭނެ


ރާއްޖޭގެ ދިދަ ރާއްޖޭއިން ބޭރުގައި ވިހުރުވަން ލިބޭ ފުރުސަތުގައި ދިވެހިންގެ ބަޔަކު ނިކުމުގެ އެދިދަ ކަނޑާލާ ދިދައިގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ޤައުމަށް ހެޔޮއެދިގެން ކުރާ މަސައްކަތެއް ނޫންކަމަށާއި އަދި އެކަމަކީ ޤަބޫލްކުރެވޭނެ، ވިސްނުމަށް ގެންނަންވެސް ފަސޭހަ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ދުނިޔޭގެ މަސްރަޙްގައި ދިވެހިރާއްޖެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމާ އިތުރަށް ވިދާޅުވީ، ކުއްލި ޙާލަތާއި ގުޅިގެން ޤައުމުތަކާއެކު އޮންނަ އެއްވެސް ގުޅުމަކަށް ހީނަރުކަން އައިސްފައިނުވާކަމަށެވެ. އަދި ރާއްޖޭގެ ޙާލަތު ޤައުމުތަކާއި ހިއްސާކުރަމުން އަންނަ މިންވަރުން އެކަންކަން ޤައުމުތަކުންވެސް ބަލައިގަންނަކަން ފާހަގަކުރެއްވިއެވެ.

" ހުރިހާ ދެވެހިންނަށް ލިބޭ ޝަރަފެއްގައި ބައެއް މީހުން ބައިވެރިވާން ބޭނުން ނުވުމަކީ ނުވަތަ ދިވެހި ދިދަ އިތުރަށް ވިހުރުވާލުމަށް ލިބޭ ފުރުސަތެއްގައި ދިވެހި ދިދަ ކަނޑާ ބިންމައްޗަށް ވައްޓާލުމަކީ އެއީ ބައެއް މީހުން ކުރާ ހިތްވާ ކަމަކަށްވާނަ ވިސްނާލަން އެބަޖެހޭ. ހަމަ ހަޤީޤަތުގައިވެސް ވިސްނަންޖެހޭ ކަމެއް މީ." އާޒިމާ ވިދާޅުވިއެވެ.



މީގެ އިތުރުން އާޒިމާ ވިދާޅުވީ ސަރުކާރުން ރައްޔިތުނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިމުގެ މަސްޢޫލިއްޔަތު އުފުލާނެކަމަށާއި ދައުލަށް އިނދެޖައްސާލުމުގެ ފުރުސަތު ނުދޭނެކަމަށެވެ. 

"އަޅުގަނޑުމެން މިމަޤާމްތަކުގެ ތިބެގެން ދައުލަށް އިނދެޖައްސާލާ، ޤައުމު ހުއްޓުމަކަށް ގެނެސް، ޤާނޫނު އަސާސީގެ ބޭރުން މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނަން. ހަމަ ސަރުކާރު މިއޮތީ މިކަމަަށް ވަރަށް ބޮޑަށް ފާރަވެރިވެ. ސަރުކާރު ހުރިހާ މުއައްސަސާއެއް އެކުގައި. އެހެންވީމަ އެފުރުސަތު ލިބޭނެކަމަށް ހީނުކުރައްވައްޗޭ. އެފުރުސަތަކަށް ޖާގައެއް ނެތް." އާޒިމާ ވިދާޅުވިއެވެ. 



މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ އެންމެ ބޮޑު ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ މަސްރަހާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ އެންމެ ބޮޑު ކައުންސިލްގެ ބައްދަލުވުން މިއަދު ބޭއްވިއިރު ޔޫރަޕްގެ ބޮޑެތި ހުރިހާ ޤައުމަކުން ބައިވެރިވިކަމަށާއި ރާއްޖޭގެ މަސްރަޙާ ގުޅޭގޮތުން އެ ބައްދަލުވުމުގައި އެއްވެސް ވަރަކަށް ވާހަކަދައްކާ މަޝްވަރާކޮށްފައި ނުވާކަމަށެވެ.





އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ބޭރަށް ދައުލަތުގެ މުއައްސަސާއެއް ނުކުތުމުގެ ސަބަބުން ދިމާވެގެން އުޅޭ ޙާލަތެއްކަމަށެވެ. ރާއްޖޭގައި މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އިންޑިއާއިން ތަފާތު ހަތަރު ސްޓޭޓްމަންޓެއް ނެރެފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، މިކަމުގެ ތެރެއަށް އިންޑިއާ ވަންނަން ބޭނުން ނުވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި އޮތުމަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު ހިނގާ މުޢާމަލާތްތަކަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާކަމަށާއި ދެޤައުމުގެ މުޢާމަލާތްތައް ކުރިއެކޭވެސް އެއްގޮތަށް ހިނގަމުން އަންނަކަމަށެވެ. އަދި މީޑިޔާއިން ފެންނަ މަންޒަރަކީ ރަސްމީ އޮންނަ ގުޅުން ނޫންކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޤަވާއިދުން މިދަނީ އިންޑީޔާ ސަރުކާރަށް ބޭނުންވާ މަޢުލޫމާތުތައް ހިއްސާކުރަމުން. ކޮންމެ ދުވަހަކު އެނިކުންނަށް މަޢުލޫމާތު އިންޑިޔާގެ ސަރުކާރާވެސް އިންޑީޔާގެ އެކްސްޓާނަލް އެފެރަޒް މިނިސްޓްރީއާއި ހިއްސާކުރަމުން މިދަނީ. އެހެންވީމާ ބޭރަށް ފެންނަން ހުރި ހުރިހާ ހެކިތަކަށް ބަލާއިރުގަ އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި މައްސަލައެއް އޮތްކަމަށްވާނަ އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން މިވަނީ ކޮށްފަ." އެމްބެސެޑަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.



މި ޕްރޮގްރާމްގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ދިވެހިންގެ ބަޔަކު އެކަމުގެ ފަހަތުގައި ތިބެގެން ކުރަމުން ގެންދާ މަސައްކަތުންކަމަށެވެ. އަދި އެފަދަ މަސައްކަތަކީ ޤައުމަށް ހެޔޮއެދިގެން ކުރާކަމެއް ނޫންކަމަށާއި އެފަދަ މަަސައްކަތްތަކާ މެދު ރައްޔިތުން ވިސްނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހުއްޓުވުމަށް ފުރުސަތު ނުދޭނެކަން ވިދާޅުވިއެވެ.