ޚަބަރު

އީސީގެ މެންބަރުކަމަށް ޝަރީފު އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި


އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ތ. ތިމަރަފުށީ މާލޭގޭ، އަޙުމަދު ޝަރީފު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަޙްމަދު ޝަރީފުގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ރިއާސަތުން ފޮނުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީން އޭނާގެ ތައުލީމާއި، ތަމްރީނު، އަދި މަސައްކަތުގެ ތަޖުރިބާއާއި، ޤާބިލުކަމާއި ހުނަރު ހުރި މިންވަރު ވަޒަންކުރުމަށްމަށްފަހު ކޮމެޓީގެ މެންބަރުން ޝަރީފަށް ދީފައިވަނީ 77.3 އިންސައްތަ މާކްސްއެވެ. މިގޮތަށް މާކްސް ދޭއިރު 75 އިންސައްތަ މާކްސް ނުވަތަ އެއަށް ވުރެ މަތިން ލިބޭ ފަރާތަކީ މަޤާމަށް ޤާބިލް ފަރާތެއް ކަމަށް މިނިވަން މުއްސަސާތަކާއި ބެހޭ ކޮމެޓީން ބަލަމުން އަންނާތީ، އެކޮމެޓީންވަނީ، އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައެވެ.

2016 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމު ފުރުއްވަމުން ގެންދަވާ އަޙްމަދު ޝަރީފަކީ ކުރިން އިލެކްޝަނަސް ކޮމިޝަންގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ތައުލީމީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފަކީ ރައްޔިތުން ޖަމީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ޝަރީފުގެ ނަން މަޖީލިހަށް ފޮނުވާފައިވަނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ސުލައިމާން އެ މަޤާމުން މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުންނެވެ. އަޙްމަދު ސުލައިމާން އިސީގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ( އެންއައިސީ) ގެ މެންމަބަރުކަމަށް ކުރިމަތިލުމުން އެނާ އެ މަޤާމަށް އައްޔަންކުރައްވާ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.