ފަނޑިޔާރުންގެ ޤާނޫނަށް ގިނަ އިޞްލާޙްތަކެއް ސަރުކާރުން ހުށަހަޅައިފިއެވެ.
މި އިޞްލާޙްތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވަނީ ފަނޑިޔާރުންގެ ޤާނޫނެއް ވަޖޫދަށް ގެނައުމަށްޓަކައި އެ ބިލް 17ވަނަ ރައްޔިތުންގެ މަޖިލީހަށް ވެއްދި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ގިނަ އިޞްލާޙްތަކެއް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެންނަން ނިންމާފައި ވަނީ ކޮން އިޞްލާޙްތަކެއް ކަމަށް އޭނާ ވިދާޅެއްނުވެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނު މިހާރު އޮތް ގޮތުން އަދުލު އިންސާފު ޤާއިމް ކުރުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ބޭނުންވާ ބާރު މިނުގައި ބައެއް ޒާތުގެ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ނުދާ ކަމަށް ޢަބްދުއްރަޙީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް އެއްމަސް ދުވަހުގެ މުހުލަތެއް ދޭންޖެހޭ ކަމަށެވެ. އެހެން އެކަން އޮންނަ ކަމަށްވާނަމަ އެހެނިހެން ބޮޑެތި މައްސަލަތައް ނިންމުމަށްވެސް ވަކި މުހުލަތެއް ދޭންޖެހޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"ވިޔަފާރިވެރިއަކު 192 މިލިއަން ޑޮލަރު ދައްކަން ޝަރީޢަތުގައި އޮންނަތާ ދެ އަހަރު ނުވަތަ ތިން އަހަރުވެފައި އޮންނަ ކަމަށްވާނަމަ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙްތަކެއް ގެންނަންޖެހޭ. އެކަހަލަ [ފައިސާގެ] މައްސަލަތައް ނިންމަންޖެހޭ މުއްދަތެއް ކަނޑައަޅާފައި އޮންނަންޖެހޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި 17ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭރުގެ ޙާލަތަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.