ޚަބަރު

"ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރެއް ނުކުރޭ"


ސިފައިންގެ އިސް އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ ފަތުރަމުން ދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ހާމަކޮށްފައި ވަނީ، ސިފައިންގެ ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަމުންދަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރުކޮށްފައިވާކަމަށް ބުނެ، ކުރީގެ ރައީސް ނަޝީދު ފަތުރަމުން ދަނީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަދެއްކުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލަށްވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް އެފަދަ ކަންކަން ހިނގަމުންނެވެ.