ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި އޮތްނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ނުކުރާކަމަށް ރާއްޖޭގައި ރިސޯޓް ހިންގާ ސިންގަޕޫރުގެ ކުންފުނިތަކުން ބުނެފިއެވެ.
ސިންގަޕޫރުގެ އެންމެ ގިނަ ބަޔަކު ކިޔާ ސްޓްރެއިޓް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ އެންމެ ބޮޑު ހޮޓެލް އޮޕަރޭޓަރ، އެކޯހޮޓެލްސްއިން ރާއްޖޭގައި ހިންގާ 3 ރިސޯޓަށްވެސް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މާބޮޑު އަސަރެއް ނުކުރާކަމަށެވެ. ދެ ތިން ފަރާތަކުން ބުކިންގ ކެންސަލް ކުރި ނަމަވެސް، ޗައިނާގެ އާ އަހަރާ ދިމާވުމުން ރިސޯޓްތަކަށް އަންނަ ފަރާތްތައް މަދުނުވާކަން އެކޯހޮޓެލްސްއިން ފާހަގަކުރެއެވެ.
ރާއްޖޭގައި ރިސޯޓް ހިންގާ ސިންގަޕޫރުގެ ބަންޔަން ޓްރީ ހޯލްޑިންގސްއިން މަޢުލޫމާތުދޭ ގޮތުގައި އެކުންފުނިން ހިންގާ ރިސޯޓްތަކަށް ކުއްލި ނުރައްކަލުގެ ޙާލަތުގެ އަސަރެއް އެއްވެސް ވަރަކަށް ނުކުރެއެވެ. އަދި ރާއްޖޭގެ އެއަރޕޯޓްތަކުގައި ހަމަނުޖެހުން ނުހިނގާ ހިނދެއްގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް ބަދަލެއް ނާންނާނެކަން އެކުންފުނިންގ ފާހަގަކުރިއެވެ.
img:http://s4.psmnews.mv/images/660x400/15202532962698.jpg|ރާއްޖޭގެ ރިސޯޓެއްގައި ބަޔަކު ޗުއްޓީ ހޭދަކުރަނީ
ރާއްޖޭގައި ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރާ ސިންގަޕޫރުގެ ކުންފުނިތަކުންވެސް ބުނަނީ އެމީހުންގެ މަސައްކަތަށް އެއްވެސް ދައްޗެއް ކުރިމަތިނުވެ، ކުރިއަށްދާކަމަށެވެ. އަދި ބައެއް މީހުން ރާއްޖޭގެ ޙާލަތު ސިފަކުރަމުންދާ ގޮތާއި އަސްލު އެކަން އޮތް ގޮތް މުޅިން ތަފާތުކަން އެކުންފުނިތަކުން ފާހަގަކުރެއެވެ.
ރާއްޖެއަށް ގިނަ އަދަދެއްފގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ މަޝްހޫރު ސިންގަޕޫރު އެއަރލައިންސްއިން ބުނާގޮތުން، ކުއްލި ނުރައްކަލުގެ ޙާލަތާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ބަދަލެއް ނާންނަކަމަށެވެ.
img:http://s1.psmnews.mv/images/660x400/15202533275364.jpg|ސިންގަޕޯރ އެއަރލައިންސްގެ ކައުންޓަރުތަކަކުން ޚިދުމަތް ދެނީ
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، ސިންގަޕޫރުން ވަނީ ރާއްޖެ ޒިޔާރަތްކުރާ އެޤައުމުގެ ފަތުރުވެރިން ސަމާލުވުމަށް އަންގާ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. މިފަދަ އެޑްވައިޒަރީތައް ބައެއް ޤައުމުތަކުން ނެރެފައިވީނަމަވެސް، އެކަމުގެ މާބޮޑު އަސަރެއް ނުކުރާކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓުއަރ އޮޕަރޭޓަރުން ބުނެއެވެ.