ރިޕޯޓް

"ތަރިކަ"- އެތައް ޖީލުތަކަށް ފައިދާވާނެ މަޝްރޫޢެއް


"ދީނާއި ޤައުމިއްޔަތު – ދިވެހިންގެ ނާރެސް" މި ޝިއާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ފެއްޓެވި "ތަރިކަ" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ތާރީޚްގައިވެސް، ދިވެހިންގެ ޤައުމިއްޔަތާއި، އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމަށް ރައީސަކު އިސްވެ ހުންނަވައި ފެއްޓެވި ފުރަތަމަ ޤައުމީ މަޝްރޫޢެވެ.

މި މަޝްރޫޢު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

"ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަން ސަރުކާރުން މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ފެށޭނެ." 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާން ކުރެއްވިތާ 1 މަސްދުވަސް ފުރުނު ދުވަހު، 6 މާރޗް 2017 ގައި "ތަރިކަ"ގެ ނަމުގައި މި މަސްރޫޢު އިފްތިތާޙް ކުރެއްވިއެވެ. ދިވެހި ޤައުމިއްޔަތާއި، ސަޤާފަތާއި، ދީނީ އެއްބައިވަންތަކަމާ ގުޅުންހުރި މި މަޝްރޫޢަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަން، 2018 ވަނަ އަހަރުގެ ރިޔާސީ ބަޔާން ފައްޓަވަމުން މި މަޝްރޫޢުގެ ވާހަކަ ފާހަގަކުރެއްވުމުން ހާމަވެގެންދެއެވެ.

"ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ކިޔަވާ ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި [ތަރިކަ] މި ނަމުގައި ޤައުމީ ރަސްމީ މަޝްރޫޢެއް މިހާރުވަނީ ފަށާފައި." 2018 ވަނަ އަހަރުގެ ރިޔާސީ ބަނާން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިވެހިންގެ ޤައުމިއްޔަތާއި، ސަޤާފަތްތައް އެހެން ޤައުމުތަކުގެ ސަޤާފަތްތަކާ މަސްހުނިވެ، ދިވެހި ޒުވާނުންގެ މެދުގައި ދީނީ އެއްބައިވަންތަކާމާއި، ޤައްމީ ރޫޙް ބަލިކަށިވެ، ދިވެހިންގެ ކާބަފައިންގެ ފަރާތުން އައިސްފައިވާ ރިވެތި އާދަތަށް ދިވެހި މުޖުތަމައުން ނެތިގެންހިނގައިދާނެކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި ދިވެހި ޒުވާނުންނާއި، ކިޔަވާކުދިންނަށް މިފަދަ މަޝްރޫޢެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުކަން ކަމުވޮށިގެންވާ އެތައް ބަޔަކު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ތަރިކަ" މަޝްރޫއުގެ ތެރެއިން ދިވެހިންގެ ޤައުމީ ކަންކަން ބައްޓަންކުރަންވީ ގޮތާއި، ޤައުމުގެ ސިފައާއި، ޤައުމުގެ ވެށި، ރީތިގޮތުގައި ބައްޓަންކުރާނެ ގޮތުގެ ވިސްނުން ރައްޔިތުންގެ ހިއްތަކުގައި އާލާކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. މީގެ އިތުރުން އަދުގެ ޒުވާނުންނަށް، މުޙައްމަދު ތަކުރުފާނުފަދަ ހިއްވަރުގަދަ ޤައުމީ ބަޠަލުންގެ ޙަޔާތުން އިބްރަތް ޙާސިލްކޮށް، އެބަތަލުންގެ ވާހަކަތަކުން ޒުވާނުންގެ ސިކުނޑިތައް މުއްސަނދިކުރުމުގެ މަސައްކަތް މި މަސްރޫޢުގެ ދަށުން ކުރަމުންދާކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

"ޤައުމިއްޔަތަކާ ދޭތެރޭގައި ވިސްނާއިރު، ރައްޔިތުންގެ ތެރޭގައި އޮންނަ ހަމަޖެހުން މުހިންމުވެގެން މިދަނީ ޤައުމަކީ ރައްޔިތުން ކަމުގައިވާތީ. ޤައުމުގެ ސިފަ، ޤައުމުގެ ވެށި ބައްޓަން ކުރަނީ ރައްޔިތުންގެ ފިކުރާއި، ރައްޔިތުންގެ ޚިޔާލާއި، ރައްޔިތުން ޘަޤާފީ ކަންކަމަށާއި، ކުރީގެ އުޞޫލުތަކަށް ކިހާވަރަކަށްތޯ މިއަދު ހިތުގެ ތެރެއިން އިޚްލާޞްތެރި ޝުޢޫރުދެނީ. ސަރުކާރުން [ތަރިކަ] ނަމުގައި މަޝްރޫޢެއް ފަށައިގެން ދިޔައީ މިކަހަލަ އެތައް ބައިވަރު ކަންކަމަކަށް ރައްޔިތުން އެދި އާދޭސްކުރާކަން އަޅުގަނޑަށް ވިސްނޭތީ. ރައްޔިތުން އެދި އާދޭސްކުރެއޭ، މި ދެންނެވީ އެއްގޮތަކަށްވެސް ފަރުދުން އެކަމާ އެ ވާހަކަ ދައްކަވާތީކީ ނޫން. ޤައުމުގެ ޙާލަތު އެކަމަށް ގޮވާތީ." ހިޔާ މަޝްރޫޢު އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ދިވެހި ޤައުމިއްޔަތާއި، އަމިއްލަވަންތަކަމާއި، ސިޔާދަތައް އުނިކަން އަންނަގޮތަށް ސިޔާސީ ބޭނުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ކަންކަމުގައި ބައެއް ޒުވާނުން ބައިވެރިވަމުންދާ ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، މިކަން މިގޮތަށްވަނީ ޤައުމީ ލޯބި އާލާންވާންޖެހޭ މިންވަރަށް އާލާވެފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމަށް ދިމާވެފައިވާ އިޖްތިމާއީ އެތައް މައްސަލައެއްގެ ޙައްލަކީ ޤައުމީ އަދި ދީނީ ލޯބި ރައްޔިތުންގެ ހިއްތަކުގައި އަށަގެންނުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތަރިކައިގެ ނަމުގައި ޕްރޮގްރާމެއް އަޅުގަނޑު ފަށްޓައިފީމު. ވަރަށް ޢިލްމީ ބޭފުޅުންކޮޅެއް، މި މަސައްކަތް ކޮށްދެއްވަނީ. މިއީ އިސްލާމީ ޙަޟާރަތު އައިގޮތާއި، އިސްލާމީ ޙަޟާރަތުން އަޅުގަނޑުމެން ދަސްކުރަންހުރި ފިލާވަޅުތަކާއި އަދި ދިވެހިރާއްޖޭގެ މުޖުތަމަޢަށް މިއިން ބޭނުންކުރެވެން ހުރި ކަންކަމާއި، ދިވެހިރާއްޖޭގެ ތާރީޚާއި، ދިވެހިރާއްޖޭގެ ކާބަފައިންނާއި، މިއަދުގެ އިސް ރަށްވެހިން ދިވެހިރާއްޖެ، ރާއްޖެއެއްގެ ގޮތުގައި، ދައުލަތެއްގެ ގޮތުގައި، މިނިވަން ސަރުކާރެއްގެ ގޮތުގައި، މިނިވަން ދައުލަތެއްގެ ގޮތުގައި ހެޔޮ ވެރިކަމެއް ކުރާ، އެންމެން ބައިވެރިކުރާ ސަރުކާރެއް، މުއްސަނދިކަން އެންމެންގެ މެދުގައި ބެހިގެންދާ ސަރުކާރެއް މި އޮންނަނީ، ނޫނީވިއްޔާ ނިޒާމެއް މި އޮންނަނީ ކީއްވެގެންތޯ، ދިވެހި ކުދިންނަށް ވިސްނައިދިނުމަށްޓަކައި. މި ގޭގޭގެ ސިޓިންގރޫމާ ހަމައަށްދާ ދުވަސް އެއީ އަޅުގަނޑު އެންމެ އުފާވާ ދުވަސް. މިކަން ކުރެވޭތޯ ޕީ.އެސް.އެމް.އާ ގުޅިގެން ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." އިސްރަށްވެހިންނާ މުޚާތަބްކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

"ތަރިކަ" މަޝްރޫޢުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުން ޤައުމިއްޔަތާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަޝްރޫޢު ވެގެންދާނީ ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ވަރުގަދަވެ، ރިވެހި އަޙްލާޤް ޒުވާނުންގެ މެދުގައި އާލާވެގެންދާނެ މަޝްރޫޢަކަށްކަމަށް ސަރުކާރުން ދެކެއެވެ. މިކަންކަން ހާސިލުކުރުމަށްޓަކައި ޚާއްޞަ މަގުޗާޓެއް އެކުލަވާލައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ދިވެހިންގެ މެދުގައި، ޚާއްޞަކޮށް ދަރިވަރުންނާއި، ޒުވާނުންންގެ މެދުގައި ދީނީ ރޫޙާއި ޤައުމީ ލޯބި އާލާކޮށް، އިސްލާމްދީނަށްޓަކައި ފަޚުރުވެރިވާ އަދި ދިވެހި ވަންތަކަންހުރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނެންގެވި މި އިސްނެންގެވުމަކީ ދިވެހިންގެ އެތައް ޖީލުތަކަކަށް އެކަމުގެ ފައިދާކުރާނެ މަސައްކަތެކެވެ.