ޚަބަރު

"ނަޝީދު މަސައްކަތްކުރަނީ ޤާނޫނީ ވެރިކަން ވައްޓާލަން"


ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަސްކަރިއްޔާ ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމަށް އިންޑިއާގެ ކުރީގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލަން ނަޝީދު މަސައްކަތްކުރާކަމަށް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގގެ ވެރިކަމުގައި ޤައުމީ ސަލާމަތާބެހޭ މުޝީރުކަން ކުރެއްވި ޝިވްޝަންކަރު މެނަން ތުހުމަތުކުރެއްވީ އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ބޭއްވި ބޮޑު ފެސްޓިވަލެއްގައި ތަޤްރީރުކުރައްވަމުންނެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމުވެސް އަދާކުރައްވާފައިވާ ޝިވްޝަންކަރު ވިދާޅުވީ، ނަޝީދު ބޭނުންވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށްކަމަށެވެ. އަދި އެއަށްފަހު ޤާނޫނީ ސަރުކާރު ވައްޓާލާ، ވެރިކަމަށް އައުމަކީ ނަޝީދު ބޭނުންވާ ގޮތްކަމަށް ޝިވްޝަންކަރު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15202490609803.jpg|އިންޑިއާގެ ކުރީގެ ޤައުމީ ސަލާމަތަ ބެހޭ މުޝީރު ޝިވްޝަންކަރު މެނަން

ނަމަވެސް ރާއްޖޭގެ ވެރިކަން ބަދަލުކޮށް، ރާއްޖޭގެ ވެރިކަމަށް އަންނާނެ ފަރާތެއް ކަނޑައެޅުމަކީ އިންޑިއާއިން ކުރަންޖެހޭ، ނުވަތަ އިންޑިއާގެ މަސްލަޙަތު އޮތް ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން އަމަލުކުރަންޖެހޭނީ ވަރަށް ވިސްނައިގެންކަމަށާއި، އިންޑިއާ ސަރުކާރުން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކޮށްފާނެކަމަށް ނުދެކޭކަމަށްވެސް ޝިވްޝަންކަރު ވިދާޅުވިއެވެ.

މީގެ އިތުރުން 1988 ވަނަ އަހަރު ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ޙަމަލާއާ، މިއަދު ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ތަފާތުކަން ޝިވްޝަންކަރު ފާހަގަކުރެއްވިއެވެ. އަދި އޭރު އިންޑިއާ ސިފައިން ރާއްޖެ އައީ ރާއްޖޭގެ ރައީސަކަށް އޭރު ހުންނެވި ބޭފުޅާގެ އެދުމުގެ މަތިންކަންވެސް ޝިވްޝަންކަރު ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/15202490955015.jpg|ޝިވްޝަންކަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ މަޝްވަރާކުރައްވަނީ

ރާއްޖޭގެ ޤާނޫނީ ސަރުކާރު ބޭރުގެ ސިފައިން ބޭނުންކޮށްގެން ވައްޓާލަން ނަޝީދު މަސައްކަތްކުރައްވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާއިރު، ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ޙައްލުކުރުމަށް ބޭރުގެ ސިފައިން ރާއްޖެ އައުމަށް ފާޅުގައި ގޮވާލާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުމަށް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ގޮވާލަމުންދާއިރު، ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތަކުން ނުވަނުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތައް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ހައްލުކުރުމަށް އދ އިންވެސް ވަނީ ގޮވާލާފައެވެ.