ރާއްޖެއަކީ ސިޔާސީ ގޮތުން ސަރަހައްދީ ޤައުމުތަކަށް ނަމޫނާ ދެއްކޭ ފެންވަރުގެ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއްކަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ 2017 ވަނަ އަހަރުގެ ޑިމޮކްރަސީ ހަފްތާ ފާހަގަ ކުރުމަށް ކޮލެޖްތަކަށް ހުޅުވާލައިގެން ބޭއްވި ޕްރެޒެންޓޭޝަން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2017 ވަނަ އަހަރުގެ ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނާ ޕީއެސްއެމް ގުޅިގެން ރާއްޖޭގެ ކޮލެޖްތަކުގެ މެދުގައި ބޭއްވި ޕްރެޒެންޓޭޝަން މުބާރާތުގެ ނަތީޖާ ފަޅުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ޓްރެއިނިންގ ހޯލްގައި ބެއްވި މި ރަސްމިޔާތުގައި ބައިވެރިންނާ މުޙާތަބު ކުރައްވާ ޑިމޮކްރަސީއާއި ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވާ ޑރ ޝަމީމް ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކާފައެވެ. އަދި ރާއްޖެއަކީ ސިޔާސީ ގޮތުން ދޮށީ ޤައުމެއްކަމަށާއި އެ ކަމަކީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ވަރުގެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ނަވާރަސަތޭކަ ބައްތިރީސް ވަނަ އަހަރު ޤާނޫނު އަސާސީއެއް ފުރަތަމަ ފަހަރަށް ލިބުނު ސާރކްގެ ޤައުމަކީ އަޅުގަނޑުމެން. އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާއެއް ނޫން. މިކުޑަކުޑަ ދިވެހިރާއްޖެ. މި ޤާނޫނު އަސާސީގެ ތެރެއިން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބު ކުރާ ޕާރލަމެންޓެއް ގާއިމްކުރީވެސް ޕާކިސްތާން، ސިރީލަންކާ އިންޑިޔާއެއް ނޫން. މި ކުޑަކުޑަ ދިވެހިރާއްޖެ. މި ސަރަޙައްދަށްވެސް ނަމޫނާ ދެއްކޭ ފެންވަރުގެ ބައެއް އަޅުގަނޑުމެންނަކީ. އަޅުގަނޑުމެން ކައްކަކާކޯ ވެސްކިޔާނެ. ފާޑުވެސް ކިޔާނެ." ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީއަކީ ރާއްޖޭގައި ލިޔެވި އެކުލަވާލެވުނު 6 ވަނަ ޤާނޫނު އަސާސީކަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނު އަސާސީއެއް ލިޔެވި އެއަށް ޢަމަލުކުރުމުގައި ތަފާތު ހަތް މަރުޙަލާ ކަނޑަތުވާކަން ޑރ ޝަމީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފެހި ޤާނޫނު އަސާސީ މި މަރުޙަލާތަށް ކަޑައްތު ކުރަމުންދާއިރު މިއީ އަޅުގަނޑުމެންނާ އެންމެ އެކަށީގެންވާ ގޮތަށް އޮތް ޤާނޫނު އަސާސީއެއްތޯ ސުވާލު އުފެއްދެވިއެވެ.
"އިތުބާރު އުފެދޭގޮތަށް އަޅުގަނޑުމެންގެ ޑިމޮކްރަސީ ފައްކާކުރަން ކޮންސްޓިޓިއުޝަނަލް ރިވިޔު ނުވަތަ ޤާނޫނު އަސާސީ މުރާޖާކުރަންޖެހޭބާ؟ މިކަމުގެ ވާހަކަދައްކަން ބޭރުގެ ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް ރެސިޕީ ނުވަތަ މެނޫ ދެއްކުމުގެ ބަދަލުގައި ހައްތާވެސް މިގޮވާލަނީ މުޅިން އެހެން ކަންތަތަކަކަށް. ކަން ކުރަންވީގޮތް ކިޔައެއް ނުދޭ. ޝައްކާ ވަހުމް އެއްކިބާކޮށް މި ޑިމޮކްރަސީ ކުރިއެރުވޭނެގޮތް އެބަ ބަލަންޖެހޭ" ޝަމީމް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/15202477810989.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙަމަދު އިކްރާމް ޢަބްދުއްލަޠީފުވެސް ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކާފައެވެ. އެގޮތުން ރާއްޖެއަކީ ޑިމޮކްރަސީގައި ހަނގު ގައުމެކޭ ބުނާ ބުނުމާމެދު އިކްރާމް ސުވާލު އުފެއްދެވިއެވެ. އެގޮތުން ދޮންބަނޑާރައިންނާއި ބޮޑުތަކުރުފާނު ފަދަ ބޭފުޅުންނަކީ ޑިމޮކްރެޓިކް އުސޫލުތަށް ގެންގުޅުއްވި ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި މިހާރު ފެންނަމުން މިދަނީ ތަފާތު ޑިކްރަސީއެއްކަމަށް އިކްރާމް ވިދާޅުވިއެވެ.
"2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާހަމަޔަށް ރާއްޖެއިން މި ފެންނަ ޑިމޮކްރަސީއަކީ ހުންނަ ވެރިޔަކާ ދެކޮޅަށް ދެންތިބި އެންމެން ނިކުމެ އެ ވެރިކަން ވައްޓާލަން އުޅުމުގެ ޑިމޮކްރަސީ. އާ ޤާނޫނު އަސާސީ ނުވަތަ ފެހި ޤާނޫނު އަސާސީން މިހާރު މިހުންނެވީ 4 ވަނަ ރައީސް. މިހާރު މި ފެންނަނީ އަނެއްކާވެސް މިހާރު މިހުންނެވި ރައީސްއާއި ދެކޮޅަށް ނިކުމެ އިންތިޚާބަކާހަމަޔަށް ދިޔުމުގެ ކުރިން ވެރިކަން ބަދަލުކުރަން އުޅޭތަން. މިއީވެސް އާވައްތަރެއްގެ ޑިމޮކްރަސީއެއް. އެކަމަކު ކިޔަވާކުދިންނާއި ޒުވާނުން މި ޤައުމާމެދު ވިސްނާބަޔަކުތިބެ ކޮށްލަންޖެހޭ ސުވާލެއް މިއީތޯ އަސްލު ޑިމޮކްރަސީއަކީ؟ ރައްޔިތުން ނިކުމެ ފޮއްޓަކަށް ވޯޓުލައިގެން ވަކި މުއްދަތަކުން ވެރިޔަކު ހޮވީމާ ދެންތިބި އެންމެން ވެގެން އެ ވެރިކަން ނިމުމަކަށް ގެނައުމަކީތޯ ރައްޔިތުންގެ ވެރިކަމަކީ ނުވަތަ ޑިމޮކްރަސީއަކީ." އިކްރާމް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/15202475680801.jpg|ޕްރެޒެންޓޭޝަން މުބާރާތުން ވަނަ ހޯދި ޓީމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް އިނާމް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް
ޑިމޮކްރަސީ ހަފްތާ ފާހަގަ ކުރަމުން ދިޔުމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ކިޔަވާކުދިންނާއި ޒުވާނުން މިހާރު ސިޔާސީ ކަންކަމަށް ހެލުންތެރިވެފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. ޑިމޮކްރަސީ ހަފްތާގެ ޕްރެޒެންޓޭޝަން މުބާރާތުން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީގެ އެކަތަ ޓީމެވެ. ދެވަނަ ހޯދީ ހަމަ އެ ޔުނިވަރސިޓީގެ ސަމުގާ ޓީމެވެ. ތިން ވަނަ ހޯދީ ޤައުމީ ޔުނިވަރސިޓީގެ ދިމްކްރާތީ ޓީމެވެ.