ކުޅިވަރު

ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ


ފިއޮރެންޓީނާގެ ކެޕްޓަން ދާވިދޭ އަސްޓޯރީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފިއޮރެންޓީނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 31 އަހަރުގެ އަސްޓޯރީ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ހޮޓަލުގެ ކޮޓަރިންނެވެ. މިއީ ކްލަބަށް ލިބުނު ފުން ހިތާމައެއް ކަމަށް ފިއޮރެންޓީނާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފިޔޮރެންޓީނާއާއި އިޓަލީ ޤައުމީ ޓީމްގެ ޑިފެންޑަރ އަސްޓޯރީ ފިއޮރެންޓީނާއާ ގުޅިފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އަސްޓޯރީ ވަނީ މިސީޒަނުގައި 27 މެޗު ފިއޮރެންޓީނާއަށް ކުޅެފައެވެ. ޖުމްލަ 109 މެޗު ފިއޮރެންޓީނާއަށް ކުޅެފައިވާ އަސްޓޯރީ ވަނީ  އިޓަލީވިލާތުގެ ޤައުމީ ޓީމަށް 14 މެޗު ކުޅެފައެވެ.

ކުއްލި ގޮތަކަށް އަސްޓޯރީ މަރުވުމާ ގުޅިގެން އުދިނޭސީއާ ދެކޮޅަށް މިރޭ ފިއޮރެންޓީނާ ކުޅެން އޮތް މެޗު ވަނީ ކެންސަލްކޮށްފައެވެ.

އިޓަލީގެ ޑިފެންޑަރ ސީނިއަރ ކެރިއަރު 2008 ވަނަ އަހަރު ފެށުމުގެ ކުރިން ތަމްރީނުވީ އޭސީމިލާންގެ އެކަޑަމީންނެވެ. 2008 ވަނަ އަހަރު ކަގްލިއާރީއަށް ބަދަލުވެ، އެކްލަބުގައި އަށް އަހަރު ހޭދަކުރުމަށްފަހު ލޯނު އުޞޫލުން ރޯމާއާއި، ފިއޮރެންޓީނާއަށް ކުޅުނެވެ. އޭނާ މަރުވިއިރު ހުރީ ފިއޮރެންޓީނާގެ ދާއިމީ އެއްބަސްވުމެއްގައެވެ.

ޑިފެންޑަރުގެ ކުއްލި މަރާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުންނާއި، ކްލަބްތަކުންނާއި ކޯޗުން ދަނީ ހިތާމައިގައި ބައިވެރުވެ، ޝުޢޫރު ފާޅުކުރަމުންނެވެ.