ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބިޒްނަސް ބޭންކިންގ ޔުނިޓެއް އުފެއްދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސުން މައުލޫމާތުދޭ ގޮތުގައި އެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ ގޮތެއްގައި ބޭންކިންގ ހިދުމަތް ދިނުމަށް ބިޒްނަސް ބޭންކިންގ މެނޭޖަރުން ކަނޑައެޅި ގެންދާނެ ކަމަށާއި އެ މެނޭޖަރުން ވެގެންދާނީ އެ ވިޔަފާރި ކަސްޓަމަރެއް ބޭނުންވާ އެންމެހާ ބޭންކިންގ މުއާލާތްކުރުމަށް ހާއްސަކުރެވޭ ބައެއްކަމުގައި ކަމަށެވެ.
އަދި މިހާރު މި ޔުނިޓަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އަންނަ މަހުގެ ތެރޭގައި މި ޔުނިޓުން ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބެންކް އޮފް މޯލްޑިވްސުން މައުލޫމާތުދެއެވެ.
ބޭންކުން ކުރިއަށް ރޭވިފައިވާ ކަންތައްތަކާމެދު ބޭންކުގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުން ދޭ އަހައްމިއްޔަތާއި ގައުމުގެ މިފަދަ މުހިއްމު ދާއިރާއަކަށް ބޭންކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވެމުންދާ ތަން ކަމުގައެވެ.
އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ހިތްވަރުލިބި ވިޔަފާރިތައް ފުޅާކުރެވި ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހީލީ ވިދާޅުވިއެވެ.
މިދިޔަ ހަފްތާތެރޭގައި ބޭންކުންވާނީ ވިޔަފާރި ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކް ގެރެންޓީ ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.