ޚަބަރު

އިއްޒުއްދީނު ފާލަމަށް އުޅަނދުފަހަރު ގާތްނުކުރުމަށް އަންގައިފި


އިއްޒުއްދީނު ފާލަމުން ފެށިގެން އެމް.އެމް.އޭ އާ ހަމައަށް އޮންނަ އެއްގަމުތޮއްޓަށް އެއްވެސް އުޅަނދެއް ކައިރިނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ. 

އިއްޒުއްދީނު ފާލަން ހިމެނޭ ސަރަޙައްދު އަމިއްލަ ބޭނުންތަކަށް ބޭނުން ނުކުރުމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިންވެސް އަންގާފައިވާއިރު، ފަހަކަށް އައިސް ބައެއް ލޯންޗްތަކާއި ފެރީތައް އެ ސަރަޙައްދަށް ގާތްކުރަމުންދެއެވެ. 

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އިއްޒުއްދީން ފާލަމާއި 01 ނަމްބަރު ފާލަމާއި 02 ނަމްބަރު ފާލަމަކީ ވިޔަފާރި އުސޫލުން ހިންގާ ބެލެހެއްޓުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ ފާލަންތަކެއްކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް އުޅަނދުފަހަރު ލަފާފުރުމުގައި އެސަރަހައްދުގެ ހުޅަނގަށްވާ އެއްގަމުތޮށި ބޭނުން ކުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އިއްޒުއްދީނު ފާލަމާއި، އެމް.އެމް.އޭ އާހަމައަށް އޮންނަ ސަރަހައްދާ ހަމައަށްވާ އެއްގަމުތޮއްޓަށް އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއްކަމުގައި ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

އިއްޒުއްދީން ފާލަމަކީ ކުރިން ރަސްމީ ފާލަމުގެ ގޮތުގައި ބޭނުންކުރި ފާލަމެވެ. މި ފާލަމުގެ ނަން އިއްޒުއްދީން ފާލަމުގެ ނަމަށް ބަދަލުކޮށް، ބޮޑެތި މަރާމާތުތަކަކަށްފަހު އަލުން ހުޅުވާފައިވަނީ މިނިވަން 50 އާއި ދިމާކޮށް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މި ފާލަމަކީ އެއް ފަހަރާ ފަސް އުޅަނދަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ފާލަމެކެވެ.