ޚަބަރު

ކުދިންނަށް ދިމާވާ ގިނަ މައްސަލަތަކެއް ދެނެގަނެވިއްޖެ - އާރކް


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސްކޫލް ދަރިވަރުންނަށް ހިންގަމުންއަންނަ އެކި އެކި ކެމްޕެއިންތަކުގެ ޒަރިއްޔާއިން އެކުދިންނަށް ދިމާވާ ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާކަމަށް "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން" އާކުން ބުނެފިއެވެ. އާރކްގެ މެނޭޖިންގ ޑިރެކްޓަރ މުރްތަޟާ މޫސާ ވިދާޅުވީ ކެމްޕެއިންތަކުން ފާހަގަކުރެވުނު  މައްސަލަތައް ސްކޫލްތެރެއިން ޙައްލުކޮށްފައިވާކަމަށާއި، އަދި ބައެއް މައްސަލަތައް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ.

"އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން" އާރކްއަކީ ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިިކޮށް ޕްރޮމޯޓް ކުރުމުގެ މަޤްޞަދުގައި މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެކެވެ. 2009ވަނަ އަހަރު ޖަމްޢިއްޔާ އުފެދުނީއްސުރެ ކުޑަކުންދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އާރކުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އާރކުގެ މަސައްކަތް ފުރަތަމަ ފެށީ ތިން ދާއިރާއަކުންނެވެ. އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހިޔާތަކުގައި އުޅޭ ކުދިންނަށް އެހީތެރިވުމާއި، ކުޑަކުދިން ސިއްޙަތައް ފައިދާހުރި ކާނާ ބޭނުންކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމާއި، ކުޑަކުދިންނަށް ދިމާވާ މަސައްލަތަކާމެދު ހޭލުންތެރިކުރުމަށް ފެށި "ހޯޕް" ކެމްޕޭނެވެ. 

އާރަކަށް ނުވަ އަހަރުވެފައިވާއިރު ،އެ ޖަމްޢިއްޔާގެ ޚިދްމަތްތައް ފުޅާކޮށް، އިތުރު ގިނަ ދާއިރާތަކަކުން މިހާރުވަނީ މަސައްކަތްތަކެއް ފަށާފައެވެ. އާރކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަޟާ މޫސާ ވިދާޅުވީ އާރކުން އިތުރު ފަސް ކެމްޕެއިނެއް މިހާޜު ކުރިއަށްގެންދާކަމަށެވެ. އޭގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިންގާ ކެމްޕެއިނާއި، ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާއި، އަންހެން ކުދިންނަށް ޚާއްސަ މައްސަލަތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުންފަަދަ ކެމްޕެއިންތައް ހިމެނޭކަމަށެވެ.

" މިހާރު އަޅުގަނޑުމެން އިތުރު ފަސް ކެމްޕެއިނެއް އެބަ ކުރިއަށްގެންދަން. އޭގެތެރޭގައި އިނަޓަރނެޓްގެ ޒަރިއްޔާއި ކުދިންނަށް ދިމާވާ މައްސަލަތަކާމެދު ޢަމަލު ކުރާނެ ގޮތްތަކާއި، ސްކޫލުން ނުވަތަ މުޖުތަމަޢުގެ ތެރޭއިން ކުދިންނަށް ބުލީ ކުރާކުރުން ހުއްޓުވާ އެކަންކަމުން އަރައިގަންނަށް ކުދިންނަށް އެހީތެރިވުމާއި، މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ކެމްޕެއިންތައް ކުރިއަށްގެންދިއުން ހިމެނޭ." އަރކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަޟާ މޫސާ ވިދާޅުވިއެވެ.

މުރުތަޟާ ވިދާޅުވީ ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެން ހިންގާ "ހޯޕް ކެމްޕެއިން" ފާހަގަވެފައިވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި މުރުތަޟާ ފާހަގަކުރެއްވިއެވެ. ގްރޭޑް ހަތަރަކާއި އަށަކާއި ދެމެދުގެ ދަރިވަރުންނަށް ހިންގާ މި ޕްރޮގްރާމްގައި ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، އެކަންކަން ދެނެގަންނާނެގޮތްތަކާއި، އެފަދަ މައްސަލަތައް ރިޕޯޓްކުރާނޭ ގޮތްތައް ކިޔައިދެމުންދާކަމަށް މުރުތަޟާ ވިދާޅުވިއެވެ. ހޯޕް ކެމްޕެއިން 4 އަތޮޅެއްގައި ކުރިއަށްގެންގޮސްފައިވާއިރު، މީގެ ޒަރިއްޔާއިން ގޭތެރެއާއި ސްކޫލް މާޙައުލުން ކުދިންނަށް ލިބެމުން އަންނަ އެކިއެކި ގޯނާތައް ދެނެގަނެވި، ކުދިންނަށް ދިމާވާ މައްސަލަތައް އާރކާއި ހިއްސާކުރަމުންދާކަމަށާއި މިކަމާއި ގުޅިގެން އާރކާއި ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މިކަންކަން ޙައްލުކުރަން މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް މުރުތަޟާ ވިދާޅުވިއެވެ.

"އެބަހުރި ކޭސްތައް ރިޕޯޓްކޮށްފައި އަރކްގެ ޓީވީސްޕޮޓްތައް ބަލައިގެންވެސް. އަދި ޑައިރެކްޓް ސެޝަންތަކުން ވަރަށް ބޮޑަށް މައްސަލަތައް ދެނެގަނެވޭ. އެގޮތުން ބުލީގެ މައްސަލަތަކާއި، ގޭތެރެއިން ކުޑަކުދިންނަށް ދިމާވާ އެކިއެކި ގޯނާގެ މައްސަލަތައް ދެނެގަނެވި ޖެންޑަރ މިނިސްޓްރީއަށްވެސް އަރކްގެ ޒަރިއްޔާއިން ހުށައެޅިފައިވޭ" އާރކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަޟާ މޫސާ ވިދާޅުވިއެވެ.

ފިޔަވަތީގައި ކުދިންބެލުހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށް އާރކުން ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ކުދިން ބެލުމުގައި ޢަމަލުުކުރާނެގޮތްތަކާއި، އެކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަންނާނެ ގޮތްތަކާއި، އެކަންކަން ޙައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ތަމްރީންކުރުމަށް ކުުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެއިތުރުން ތިއަރީބައިގެ އިތުރުން ޢަމަލީ ގޮތުން އެކަންކަން ކުރާނެ ގޮތްތައް މި ޕްރޮގްރާމްގައި ދަސްކޮށްދެއެވެ. މި ޕްރޮގްރާމްގައި ފިޔަވަތީގައި މަސައްކަތްކުރާ 24 ފަރާތުން ބައިވެރިވެއެވެ.