ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ޢާއްމު ރައްޔިތަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދުގެ ޣައްޒާއަށްވީ ފަޅީގައި އޮންނަ ދަނޑެއްގައި މަސައްކަތްކުރަން ހުރި ފަލަސްޠީނުގެ މީހަކު އިސްރާއީލުގެ އަސްކަރިއްޔާއިން ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ، ޢުމުރުން 59  އަހަރުގެ މުހައްމަދު ޢަބު ޖަމާޢު ޝަހީދުވީ އޭނާއަށް އިސްރާއީލުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ދިން ހަމަލާތަކުގައި ލިބުނު ޒަޚަމުތަކަށް ފަރުވާދެމުންދަނިކޮށް ހޮސްޕިޓަލްގައި ކަމަށެވެ.

ޢަބު ޖަމާޢު ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖަހާފައިވަނީ އިސްރާއީލުން ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަނުމަށް އޭނާ މަސައްކަތް ކުރުމުން ކަމަށާއި، އޭނާގެ ގަޔަށް ބަޑިޖަހާފައިވާނީ ވައިގެ ތެރެއަށް ބަޑި ޖަހައި އިންޒާރުދިނުމަށް ފަހުކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ. އެހެން ނަމަވެސް، ފަލަސްޠީނުގެ އޮފިޝަލުން ބުނެފައިވަނީ ޢަބު ޖަމާޢުގެ ގަޔަށް އިސްރާއީލު ސިފައިން ބަޑި ޖެހިއިރު އޭނާ ހުރީ މަނާ ސަރަޙައްދުގައި ނޫންކަމަށާއި، އޭނާގެ މިސްރާބު ހުރީވެސް އޭނާގެ ދަނޑަށް ދިއުމަށްކަމަށެވެ.

އިސްރާއީލުގެ ސިފައިން ދަނީ ޣައްޒާގެ އިރުމަތީ ސަރަހައްދާއި އިސްރާއީލު ގުޅޭ ސަރަޙައްދުގައި 300  މީޓަރުގެ ސަރަހައްދެއް ފާހަގަކޮށް، އެ ސަރަހައްދަށް ވަންނަ ކޮންމެ މީހަކަށް ހަމަލާދެމުންނެވެ.