ކުޅިވަރު

ވީޑިއޯ އެސިސްޓެންޓް ރެފްރީ ފުޓްބޯޅަ ޤަވާއިދުގައި ހިމަނައިފި


ދުނިޔޭގެ ފުޓްބޯޅަ ޤަވާއިދުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުން ކުރުމަށް ރަސްމީކޮށް ނިންމައި އެކަން ފުޓްބޯޅަ ޤަވާއިދުގައި އެންމެ ފަހުން ހިމަނައިފިއެވެ.

ބޮގޯޓާގައި ބޭއްވި ފީފާ ރަސްމީ ބައްދަލުވުމުގައި މި ބަދަލު ފުޓްބޯޅަ ޤަވައިދަށް ގެނައި ބައްދަލުވުމުގެ ރިއާސަތު ބެލެހެއްޓެވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. އަދި ފުޓްބޯޅަ ޤަވާއިދުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ހިމަނަން ނިންމީ ބައްދަލުވުމުގައި އެކަމަށް ނެތި ވޯޓުގެ އިއްތިފާޤުންނެވެ.

"މިއަދުން ފެށިގެން ފުޓްބޯޅައިގެ ބަޔަކަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ މިވަނީ ވެފައި. މިއީ ވަރަށް ތާރީހީ ބަދަލެއް. އަހަރުމެން މިއަދު މިތަނަށް އެއްވެތިބެގެން މިނެގީ ފުޓްބޯޅައިގެ މުސްތަޤުބަލަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ބަދަލެއް،" ފީފާގެ ރައީސް ވިދާޅުވިއެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީ ފުޓްބޯޅަ ޤަވާއިދުގައި ހިމަނަން ނިންމީ 1000ވުރެ ގިނަ މެޗުތަކުގައި މި ސިސްޓަމް ބޭނުންކޮށް، އަޖުމަ ބެލުމަށްފަހުއެވެ. ފީފާއިންއިން ބުނީ މި ޓެންކޮލޮޖީ ބޭނުން ކުރުމުން ފުޓްބޯޅަ މެޗުތަކުގައި ރެފްރީންގެ ނިންމުތައް 99 ޕަސެންޓް ރަނގަޅު ކަމަށެވެ.

"މިއީ ވަރަށް ގިނަ ފަހަރު އަހަރުމެން ބަހުސްކޮށްފައިވާ މައުޟޫއެއް. ވީޑިއޯ އެސިސްޓެންޓް ރެފްރީ އަކީ ފުޓްބޯޅައަށް ރަނގަޅު ބަދަލެއް. ރެފްރީންނަށް ވެސް ބޭނުންތެރި ބަދަލެއް. މީގެ ސަބަބުން ފުޓްބޯޅައިގެ ނިންމުންތަކުގެ އިންސާފުވެރިކަން ބޮޑުކޮށްދީފި. އަހަރުމެން ވީޑިއޯ އެސިސްޓެންޓް ރެފްރީ ޤަވާއިދުގައި ހިމަނަން މިއަދު ވޯޓުދިނީ އެހެންވެ،" ފީފާގެ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މެޗު އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅޭ އިތުރު ވަގުތުގެ 15 މިނިޓްގެ ދެ ހާފުގައި ހަތަރުވަނަ ކުޅުންތެރިއަކު ބަދަލު ކުރުމާއި ކުޅުންތެރިންގެ ސަލާމަތަށްޓަކައި ދަނޑަށް އަރާ ޓީމުގެ އޮފިޝަލުންނާއި، ބެންޗުގައި ތިބޭ އޮފިޝަލުންނަށް ފޯނުން ވާހަކަ ދެއްކޭނެކަން ވެސް ފީފާއިން ވަނީ ރަސްމީކޮށް މި ބައްދަލުވުމަށް ހުށަހަަޅައި ފާސްކޮށްފައެވެ.