ޚަބަރު

"ކުދި ޖަޒީރާ ޤައުމުތަކުގެ ފުރިހަމަ ތާއީދު ރާއްޖެއަށް ލިބޭ"


ކުދި ޖަރީރާ ޤައުމުތަކުގެ ޖަމިއްޔާ އެލައިންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް، އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުންދާއިރު ކުދި ޖަޒީރާ ޤައުމުތަކުގެ ފުރިހަމަ ތާޢީދު ރާއްޖެއަށް ލިބެމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަޙުމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސް އިން ގެނެސްދޭ ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ދޭދޭ ޤައުމުތަކާއި ރާއްޖެއާ އޮންނަ ޚާރިޖީ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަޙުމަދު ޚަލީލް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަށް ބައިވެރިވެގެން އުފައްދާފައިވާ އެއޯސިސްގައި ދިވެހިރާއްޖެއިން އަދާކުރަމުން އަންނަ ދައުރު ބޮޑު ކަމަށާއި މެންބަރު ޤައުމުތަކުގެ ފުރިހަމަ ތާއީދު ރާއްޖެއަށް ލިބޭ ކަމަށް. ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކާއި ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ވަކާލާތުކުރާ ކަންކަމަށް މިހާރު މުޅި ދުނިޔެވެސް ސަމާލުކަން ދޭކަން ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ، 1990 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖެއިން ކުދި ޖަޒީރާ ޤައުމުތަކާއެކު މެންބަރު ޤައުމުތަކަށް ދިމާވާ މައްސަލަތަށް ޙައްލުކުރުމުގައި ދޭދޭ ޤައުމު ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެކަށީގެންވާ ލީޑަރޝިޕެއް އެއޯސިސްގައި ދިވެހިރާއްޖެއިން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާ ދިވެހިރާއްޖެއާ އޮންނަ ގުޅުމަށް އަލިއަޅުއްވާ ޚަލީލް ވިދާޅުވީ، ރާއްޖެއާ އެމެރިކާއާ އޮންނަނީ ވަރަށް ވަރުގަދަ ޚާރީޖީ ގުޅުމެއް ކަމަށާއި އެގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް. ޚާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއާ ރާއްޖެއާ އޮންނަނީ ބަދަހި ގުޅުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ރާއްޖެއިން އިސްނަގައިގެން ސިލްސިލާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސާރކް ރީފޯމްކޮށް، ސާރކްގެ ސްޓްރަކްޗަރ ބަދަލުކޮށް ހިންގުން ހަރުދަނާކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.