ޚަބަރު

ރާއްޖެވަނީ ބޮޑެތި ކަންކަމުގައި ބަސް ކިޔާ ކުރިއެރުން ހޯދާފަ


ދިވެހި ރާއްޖެއަކީ ކުޑަ ޤައުމަކަށްވިޔަސް ދުނިޔޭގެ ފެންވަރުގެ ބޮޑެތިކަންކަމުގައި ބަސް ކިޔާ، އެކަންކަމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާކަމަށް ފޮރިންގ ސެކްރެޓަރީ އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިން ޚާރިޖީ ސިޔާސާތު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ ސެކްރެޓަރީ ވިދާޅުވީ، ދުނިޔޭގެ ކުދި ޤައުމުތަކަށް މީގެކުރިން ނުކުރެވޭނެ ކަމަށް ބެލެވުނު މުހިންމު ކަންތައްތަކެއް ރާއްޖެއިން އިސްނަގައިގެން ކޮށްފައިވާކަމަށެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުގެ އެލަޔަންސް ކަމުގައިވާ "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއަރކަން 2015 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކުރަމުން އައުމާ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން އިސްނަގައިގެން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް ހޯދާފައިވާ ކުރިއެރުން ސަރީރު ފާހަގަކުރެއްވިއެވެ. އެގޮތުން  އެއޯސިސްގެ ޗެއަރގެ ގޮތުގައި މަސައްކަތްކޮށް ޕެރިސް އެގްރީމަންޓް އެކުލަވާމުގެ މަސައްކަތުގައި ރާއްޖެ އަދާކުރި ދައުރު ފާހަގަކުރައްވަމުން ބޮޑެތި ޤައުމުތަކުން ބޭނުންވާ ބައެއް ކަންކަން ހާސިލްކުރުމަށް މަސައްކަތް ކޮށްދިނުމަށް އެޤައުމުތަކުން އެދިފައިވާކަން ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

"ފެރިސްއެގްރީމެންޓާއި ގުޅިގެން އެހެން ޤައުމުތަކުން އެބަ ބަލައޭ އިނގޭތޯ އަޅުގަނޑުމެންގެ ލީޑަރޝިޕްގެ ތެރެއިން ދެން ނުފޫޒު ގަދަ ބައެއް ޤައުމުތަކުން މިކަމަށް ފަސް ޖެހިފައި ހުރީމަ އެމީހުންނާއި އަޅުގަނދުމެންނަށް ނެގޯޝިއޭޓް ކޮށްދެވިދާނެތޯ. އަނެއްކާ އަޅޫގަނޑަކީމީ އެކަމުގެ ތެރޭގައި އުޅުނު މީހެއް. އަޅުގަނޑަށް އެނގޭ އެކަމުގައި ރާއްޖެއިން ކުޅެފައިވާ ރޯލު. ރާއްޖެއަށް ބަރޯސާވެގެން ބޮޑެތި ޤައުމުތަކުން އެބަބުނޭ، މިވެނި މިވެނި ކަންތައްތަކެއް ހާސިލުކުރުމަށް އެހީތެރިވެދޭށޭ. އެންވީމަ ރާއްޖެއިން ވަރަށް އިސްދައުރެއް ކުޅުނު ޕެރިސް އެގްރީމަންޓް އެހާ ކާމިޔާބު އެގްރީމަންޓަކަށް ހެދުމަށް." އަޙްމަދު ސަރީރު ވިދާޅުވިއެވެ.



އަޙްމަދު ސަރީރު އިތުރަށް ވިދާޅުވީ، އދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާއެކު ވަރަށް ޤާތުން މުހިންމު ކަންކަމުގައި ރާއްޖެއިން އިސްދައުރެއް މިހާރުވެސް އަދާކުރަމުންދާކަމަށެވެ. 2018 އިން 2019 އަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ރާއްޖެއިން މިހާރު ފަށާފައިވާ މަސައްކަތަކީވެސް މީގެ ކުރިން ކުދި ޤައުމުތަކުގެ ތެރެއިން ވަރަށް މަދު ޤައުމުކަށް ނޫނީ ނުކުރެވޭ ކަމެއްކަމަށާއި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާންވެސް ކުދި ޤައުމުތަކުން ފަސްޖެހޭކަން ފާހަގަކުރައްވަމުން ސަރީރު ވިދާޅުވީ، ޤައުމުތަކާއެކު ކުރަމުންދާ މަސައްކަތުން އެ ކަންވެސް ރާއްޖެއިން ކާމިޔާބުކުރާނެކަމަށެވެ.

"މިހާރު އަޅުގަނޑުމެން ފައި ނަގައިގެން މިއުޅެނީ ޔޫ.އެންގެ ސެކިއުރިޓީ ކައުންސިލްގެ ނޮން ޕާމަނަންޓް ސީޓަކަށް. މިވެސް ކުދި ޤައުމުތަކުން ޖެހިލުންވާކަމެކޭ އިނގޭތޯ. 1945 އިން ފެށިގެން މިއަދާ ހަމައަށް ކުދި ޤައުމުތަކުން މިޖަމިއްޔާގެ ސެކިއުރިޓީ ކައުންސިލްގެ ސީޓެއް ކާމިޔާބުކުރެވުނީ މުޅިއެކު 8 ޤައުމަށް. ހަޤީގަތުގައި ކުރިމަތީލާންވެސް ނުކެރެނީ." ސަރީރު ވިދާޅުވިއެވެ.



މިވަގުތުވެސް ޖެނީވާގައި ކުރިއަށްދާ އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މަތީފަންތީގެ ބައްދަލުވުމުގައި ބައިވެރިވެ އެކަމުގައި ރާއްޖެއިން އިސްދައުރެއް އަދާކުރަމުންދާކަށާއި، އިޒްރޭލުގެ އިސްތިއުމާރުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި ގުޅިގެން އެރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ކެރިގެން ބަސްބުނަމުން އަންނަކަން ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ. އަދި ރޮހިންޔާ މުސްލިމުންގެ މައްސަލައާއި ސޫރިޔާގެ މުސްލިމުންގެ އިތުރުން ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލުމުންނަށް ލިބޭ އަނިޔާތަކާއި އުނދަގޫތަށް ހައްލު ކުރުމަށް ރާއްޖެއިން ގޮވާލައި އަޑުއުފުލާކަމަށާއި މިކަންކަން ހައްލުވަންދެން މިކަމުގައި ރާއްޖެއިން ވަކާލާތުކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.